ޚަބަރު

ދިއްދޫގައި ރޭ ކުޅުނު ފުޓްބޯޅަ މެޗުގައި ހަމަ ނުޖެހުން ހިންގައި ތަކެއްޗަށް ގެއްލުންދީފި

މަރިޔަމް ޝަހުދާ

ހއ.ދިއްދޫ ކައުންސިލް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މަޗުގައި ދެޓީމުގެ ދެމެދު ހިންގި ހަމަނުޖެހުން ބޮޑުވެ، ދެޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުން ހިންގި ހަމަ ނުޖެހުމުގައި ފުޓްބޯޅަ ދަނޑަށާއި މުބާރާތައް ގެންގޮސްފައިހުރި ގޮޑިތަކަށް ގެއްލުންދީފިއެވެ.

ރޭ އެގާރަޖަހާކަންހާއިރު ހިނގި މި ހަމަނުޖެހުން ކޮންޓްރޯލްކޮށް، ޖެހިފައިވާ މައްސަލަ ބެލުމަށް އެސަރަހައްދަށް ފުލުހުންގޮސް ވަނީ ހަރަކާތްތެރި ވެފައެވެ.

ފުލުހުން ބުނީ ދެޓީމުގެ ކުޅުންތެރިންނާއި ވާހަކަ ދައްކައިގެން ރޭ އެމައްސަލަ ހައްލު ކުރުމަށް ފުލުހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ މެޗާ މެދު ވަކި ގޮތެއް ނިންމުމަށް ކައުންސިލާ ވާހަކަ ދައްކާފައިވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އިތުރު ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށް ފުލުހުންވަނީ އެ ސަރަހައްދުގެ ސެކިއުރިޓީ ބަލަހައްޓައިފައެވެ.

މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.