އިބްރާހިމް ޒަކީ
ރާއްޖޭގައި ނާއިބުރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް އިނާޔަތާއި ރައްކާތެރިކަމެއްނުދީ، އެ ބޭފުޅުން މަގުމަތިކޮށްލުމަކީ ގައުމީ ސަލާމަތަށްހުރި ނުރައްކަލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވިދާޅުވެެއްޖެއެވެ.
އީސަ މިހެން ވިދާޅުވީ، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން، ފާސްކޮށް ރައީސުލް ޖުމްހުރިއްޔާއަށް ފޮނުވުމުން، ތަސްދީގު ނުކުރައްވައި، އިތުރަށް ވިސްނުމަށް އެދި ވަޑައިގެން މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިލެއްވި، "ނައިބު ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަންދޭ ބިލް"ގެ ބަހުސް ނިމުމުގެ މަރުހަލާގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
އެބިލާ ދެކޮޅަށް އެމްޑީޕީގެ ގިނަ މެންބަރުނުްތަކެއް ވާހަކަ ދައްކާފައިވަނިކޮށް، އީސަ ވިދާޅުވީ، މި ބިލު ފުރިހަމަނޫން ކަމަށާއި ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް ބިލު މަޖިލީހުން ބޭރު ކުރުމަކީ، ތާއީދު ކުރައްވާކަމެއް ކަމަށެވެ.
ނަމަވެސް ނާއިބު ރައީސްކަން ކުރައްވާފައި ތިއްބަވާ ބޭފުޅުންނަކީ ރައީސުލްޖުމްހުރިއްޔާ ފިޔަވައި ގައުމީ ސަލާމަތާބެހޭ ކަންކަން ދެން އެންމެ ބޮޑަށް އެނގިވަޑައިގަންނަވާ ފަރާތްކަމުން، ނާއިބު ރައީސް ކަން ކުރައްވާފައިވާ ފަރާތްތަކަށް އިނާޔަތާއި ރައްކާތެރިކަން މަޖިލީހުން ފޯރުކޮށްދޭނެ ގޮތްތަކެއް ކަނޑައަޅަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މި ބިލަށް ވާހަކަ ދައްކަވަމުން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވިދާޅުވީ، ނާއިބު ރައީސުންނަކީ، ރައީސުލް ޖުމްހޫރިއްޔާއާ އެއްވަރުގެ ޝަރުތުތަކެއް ގާނޫނު އަސާސީން މަތިކޮށްފައިވާ ފަރާތެއް ކަމަށެވެ.
އެހެންކަމުން އެފަދަ މަގާމެއް އަދާކުރައްވާފައިވާ ބޭފުޅަކު މާދަމާ މާރުކޭޓުގައި ހުންނަވަން ޖެހުމަކީ، ރަނގަޅުގޮތެއްނޫން ކަމަށާއި، ރައީސުލް ޖުމްހުރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކަށް އިނާޔަތް ލިބެން އޮންނަ ގޮތަށް، ދައުލަތުގެ މާލީ ހާލަތު ހުރިގޮތުން ނާއިބުރައީސްކަން ކުރައްވާފައިހުންނަވާ ފަރާތްތަކަށް ކޮންމެސް މިންވަރަކަށް އެކަން ހަމަޖެހެންޖެހޭކަމަށް އާމިރު ވިދާޅުވިއެވެ.
އިދިކޮޅު ޕާޓީގެ މެންބަރެއް ކަމަށްވާ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ސިޔާމު ވިދާޅުވީ، ނާއިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ހިމާޔަތާއި ރައްކާތެރިކަންދޭންޖެހޭކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި ރައީސް ނެތް ހިނދެއްގައި އެ މަސްއޫލިއްޔަތުތައް އަދާކުރާ ފަރާތަކީ، ނާއިބު ރައީސް ކަމަށާއި، އޭގެ މިސާލެއްގެ ގޮތުން، 2012 ވަނަ އަހަރު އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަދި މިހާރުގެ މަޖިލިސްރައީސް ވެރިކަމާ ދުރުވެ ވަޑައިގެންނެވިފަހުން ނާއިބު ރައީސް މަސްއޫލިއްޔަތާ ހަވާލުވެ ވަޑައިގެން އެ މަސްއޫލުއްޔަތު އަދާކުރައްވާފައިވާ ކަމަށެވެ. އަދި ރައީސުލް ޖުމްހުރިއްޔާކަމުގެ ހިނާޔަތްތަކާއި އިނާޔަތުގެ އިތުރުން މިހާރު މަޖިލީހުގެ ރައީސްކަން ކުރައްވާތީ އެކަމުން ލިބިވަޑައިގަންނަވާ ހިމާޔަތާއި އިނާޔަތް ހޯއްދަވައިގެން ރައީސް ނަޝީދު އިނާޔަތް ޑަބަލް ކުރައްވާފައިވާކަމަށްވެސް ސިޔާމު ވިދާޅުވިއެވެ.
މި ބިލަށް ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރުވެސް ވިދާޅުވީ، މަދުމިންވަރުގެ އިނާޔަތެއް ނަމަވެސް ނާއިބުރައީސްކަން ކުރައްވާފައިވާ ފަރާތްތަކަށް ދޭން ޖެހޭނެކަމަށާއި، އެންމެން މަޝްވަރާކޮށްގެން އެގޮތަށް ބިލަށް އިސްލާހު ގެންނަންޖެހޭކަމަށެވެ.