ޚަބަރު

ނާސްތާ ޕްރޮގްރާމަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބެ ރަނގަޅު ނަތީޖާ ހޯދުމަށް ލިބުނު ފަހި ފުރުސަތެއް: ނައިބު ރައީސް

ރާއްޖޭގެ ސްކޫލުތަކުގެ ދަރިވަރުންނަށް މިއަދު ރަސްމީކޮށް ފެށިގެން މިދިޔަ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވެގެންދާނީ ދުޅަހެޔޮ ސިއްހަތެއްގައި ދަރިވަރުން ތިބެ ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ދަރިވަރުންނަށް މިހާތަނަށް ލިބިގެންދާ އެންމެ ފަހި ފުރުސަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ރާއްޖޭގެ ސްކޫލުތަކުގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ރަސްމީގޮތުން ފެއްޓެވުމަށް މިއަދު ތާޖުއްދީނު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މި ޕްރޮގްރާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ދަރިވަރުންގެ ކިޔެވުން ހެނދުނު ފަށައިގަންނައިރު ކުދިންގެ ސިކުނޑިތައް ހުޅުވެންޖެހޭކަމަށާއި ފިލާވަޅުތަކަށް ރަނގަޅަށް ސަމާލުކަންދެވި، މުޅި ދުވަހު ކިޔެވުން ކުރިޔަށްގެންދެވޭ ވަރަށް ކުދިން ތައްޔާރުވާންޖެހޭކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މި ފަދަ ޕްރޮގްރާމަކުން ހަމައެކަނި ލިބިގެންދަނީ ނާސްތާކުރުމުގެ ފުރުސަތު އެކަނި ނޫންކަން ފާހަގަ ކުރެއްވިއެވެ.

އުނގެނުމުގެ ތެރެއިން ދަސްކުރަންޖެހޭ ބައެއްކަންތައްތަކުގެ ތެރޭގައި ހިމެނޭ، އިޙްތިރާމު ކުރުމާއި، އެހެންމީހުންގެ ހައްގުތައް ދެނެގަނެ ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލުވުމަށް މަސައްކަތްކުރުންފަދަ އެތައްކަމެއް ދަސްކުރުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ތެރެއިން ލިބިގެންދާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ތާޖުއްދީނު ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދަރިވަރުންގެ ހެނދުނުގެ ނާސްތާ ޕްރޮގްރާމު ރަސްމީގޮތުން ފައްޓަވައިދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މި ޕްރޮގްރާމު ރަސްމީގޮތުން މިއަދު ފެށުމާއެކު ރާއްޖޭގެ 180 ރަށެއްގައި، 57،817 ދަރިވަރުންނަށް "މިންހެޔޮ ނާސްތާ'" ލިބިގެންދާނެއެވެ.