ޚަބަރު

ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް އިފްތިތާހުކޮށްފި

މަރިޔަމް ޝަހުދާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމުގެ ވައުދުގެ ތެރެއިން ސަރުކާރުގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހުކޮށްފިއެވެ.

ތާޖުއްދީން ސްކޫލްގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެވެ.

ނައިބު ރައީސްގެ އިތުރުން މި ހަފްލާގައި އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދެވަނަ ޓާމްގެ ކިޔެވުން ފެށުމާއެކު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މި ވައުދު ފުއްދެވުމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމާފައިވީނަމަވެސް، ސްކޫލް ހުޅުވިގެން ދިޔައީ ހަރޯދައިގެ ތެރޭގައިކަމުން މި ޕްރޮގްރާމް ވަނީ މަޑުޖައްސާލައިފައެވެ. އަދި މިއަދު މި ޕްރޮގްރާމް އިފްތިތާހުކޮށްފައި ވަނީ ހަރޯދަ ނިމުމާ ގުޅިގެންނެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ މިއަދު ރާއްޖޭގައި ހިންގާ ހުރިހާ ސަރުކާރު ސްކޫލެއްގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ފައްޓާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ކަމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި، އަހުލާގު، އަދި ހެދި ބޮޑު ވުމަށް އެކަމެއްގެ ސަބަބުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށެވެ. އަދި މިކަން މިދިޔަ ޓާމްގައި ރާއްޖޭގެ 25 ސްކޫލެއްގައި ކުރިއަށް ދިޔަ، ހެނދުނު ނާސްތާ ފޯރުކޮށްދިނުމުގެ ޕައިލެޓް ޕްރޮގްރާމްއިން ފެނުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

''އެ ޕްރޮގްރާމްގެ ނަތީޖާ ދައްކާގޮތުން، ނާސްތާގެ ސަބަބުން ދަރިވަރުން ފިލާވަޅަށްދޭ ސަމާލުކަން ވަނީ އިތުރުވެފަ. ސްކޫލަށް ގަޑިޖެހިގެން އަންނަ ކުދިންގެ އަދަދު ވަނީ މަދުވެފަ. އެސެމްބްލީގައި އަނބުރައިގަނެގެން ވެއްޓޭ ކުދިންގެ އަދަދު ވަނީ ދަށްވެފަ. އަދި ބަނޑާއި ބޮލުގައި ރިއްސާތީ ހެލްތް ރޫމަށް ދާ ދަރިވަރުންގެ އަދަދުވެސް ވަނީ މަދުވެފަ. މީގެ އިތުރުން ދަރިވަރުންގެ މެދުގައިވާ އިޖްތިމާއީ ގުޅުންތައް ބަދަހިވެ، ކެއިން ބުއިމުގެ ރީތި އާދަތަކަށް އެކުދިން ދަނީ އަހުލުވެރިވަމުން.''

މީގެ އިތުރުން ދަރިވަރުންނާއި ބެލެނިވެރިންނަށް މިންހެޔޮ ކާނާގެ މުހިއްމުކަން ވިސްނި، ކެއިން ބުއިމުގެ އާދަތަކަށް އެދެވޭ ބަދަލުތަކެއް އަންނަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ހިންގަންފެށި މި ޕޮރޮގްރާމުގައި ސަރުކާރުގެ 213 ސްކޫލެއްގައި ހެނދުނުގެ ނާސްތާގެ ޕްރޮގްރާމް މިއަދު ކުރިއަށް ގެންދާނެއެވެ.