ވަޒީރުން ކަނޑައެޅުމުގެ ކުރިން އެ ވަޒީރަކާ ސުވާލުކުރަންޖެހޭ ގޮތަށް ބަދަލު ގެނެސް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މަސްއޫލިއްޔަތުތައް ކަނޑައަޅައިފިއެވެ.
އެގޮތަށް ބަދަލުގެނެސް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ އުސޫލަށް ބަދަލު ގެނެސްފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ގަވާއިދު އިސްލާހުކުރާ ވަގުތީ ކޮމިޓީންނެވެ.
އެ ކޮމިޓީން ނިންމާފައިވަނީ މިނިސްޓަރުންނަށް މަޖިލީހުން ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ ކުރިން ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވުމަށެވެ. އަދި އެ ވަޒީރުންނަކީ ގާބިލު ބޭފުޅުންތޯ އެ ކޮމިޓީން ބަލަން ޖެހޭ ގޮތަށް މަސްއޫލިއްޔަތުތައް ކަނޑައެޅިއެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ ކުރިން އެ ވަޒީރަކީ އެ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ހުރި ބޭފުޅެއްތޯއާއި އެ ދާއިރާއެއް ކުރިއެރުވުމަށްޓަކައި އޭނާގެ އޮތް އާންމު ތަސައްވުރާ ބެހޭގޮތުން ކޮމިޓީގެ މަރުހަލާގައި އޭނާއާ ސުވާލުކުރުން ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވައި ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ ހުރިހާ މެމްބަރުންނަށް ވެސް ރުހުން ހޯދަން ޖެހޭ ގޮތަށް ބަދަލު ގެނައުމަށް ގަވާއިދު ކޮމިޓީން ވަނީ ނިންމައިފައެވެ.