ޚަބަރު

މިއަހަރު ހައްޖަށް މީހުން ގެންދަން ހުއްދަ ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވޭ: އޭސީސީ

މިއަހަރު ހައްޖަށް މީހުން ގެންދަން ކުންފުނިތަކަށް ހުއްދަ ދިނުމުގައި އަމަލުކޮށްފައިވާ އުސޫލުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ފާހަގަވެފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ހުސައިން ސިމާދު، މއ. ޗަބޭލީމާގެ ހުށަހެޅި ލައިސަންސް އަދި ހުއްދަ ދިނުމާ ގުޅުން ހުރި މައްސަލަ އޭސީސީން ބަލައިފައެވެ.

އޭސީސީގެ ނިންމުމުގައި ބުނެފައިވަނީ ޝަކުވާގައި އިވެލުއޭޝަން ކޮމިޓީގައި މަސްލަހަތު ހިމެނޭ ފަރާތެއް ބައިވެރިވާ ކަމަށް ތުހުމަތުކޮށްފައިވާ އިރު، އިވެލުއޭޝަންގައި ޕޮއިންޓް ދިނުމުގައި އަމަލުކޮށްފައިވާ ގޮތުން ކޮރަޕްޝަނަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާތީ އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ކުރެވުނު އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން ޕްރޮޕޯސަލްއާއެކު ހުށަހަޅަންޖެހޭ ކަމަށް "ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލު 1440"ގެ ހަވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާނަމަ ޕްރޮޕޯސަލް ބާތިލްކުރަންޖެހޭ ކަމަށް އެ އުސޫލުގެ އަށްވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައި އޮތް އިރު، އެ ސަބަބާ ހެދި ބައެއް ޕްރޮޕޯސަލްތައް ބާތިލްކޮށްފައިވީ ނަމަވެސް، ޕްރޮޕޯސަލް ހުށަހެޅި އިތުރު ދެ ފަރާތެއް ޕްރޮޕޯސަލްއާއެކު ހުށަހަޅަން ލާޒިމުކުރާ ބައެއް ލިޔުންތައް ހުށަހަޅާފައި ނުވި ނަމަވެސް އެ ދެ ފަރާތް އިވެލިއޭޝަންގައި ބައިވެރިކޮށް ޕޮއިންޓް ދީފައިވާ ކަމަށް އޭސީސީގެ ނިންމުމުގައި ބުނެފައިވެއެވެ.

އޭސީސީން ބުނީ ޕްރޮޕޯސަލްތަކަށް ޕޮއިންޓް ދޭނެ މިންގަނޑެއް ލިޔުމުން އާންމުކޮށްފައިވީ ނަމަވެސް، ބައެއް ބައިތަކަށް ޕޮއިންޓް ދިނުމުގައި ގެންގުޅެފައިވާ މިންގަނޑުތަކަކީ ސަބްޖެކްޓިވް މިންގަނޑުތަކަކަށްވެފައި، ޕޮއިންޓް ދިނުމުގައި ޕްރޮޕޯސަލްތައް އަޅާ ކިޔުމަށްފަހު އިވެލުއޭޝަން ކޮމިޓީގެ މެމްބަރުންނަށް ފެންނަ އެންމެ ރަނގަޅު ޕްރޮޕޯސަލްތަކަށް މަތިން ޕޮއިންޓް ދީފައިވާކަން ފާހަގާވާ ކަމަށާއި އެކަމަކީ ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ހަމަހަމަ އުސޫލެއް ނެތި ވަކި ފަރާތަކަށް ބުރަވުމުގެ ފުރުސަތު އޮތް ކަމެއް ކަމަށެވެ.

ހައްޖަށް މީހުން ގެންދާނެ ފަރާތްތައް ކަނޑައެޅުމަށް ޕޮއިންޓް ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ތުހުމަތުކޮށް، ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ނުލިބުނު ސިސިލްފަރު ހައްޖު ގްރޫޕުން ވަނީ ސިވިލް ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފައެވެ.

އެކަމާ ގުޅޭގޮތުން މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ޕޮއިންޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާނެ ކަމަށެވެ.