ރައްޔިތުން ބާރުވެރިކުރުމަށް ހިންގާނެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ ހިޔާލު ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް އެންޕަވަރމަންޓް އިން ހުދު ކަރުދަހެއް ނެރެފި އެވެ.
ރޭ މިކަމަށް ހާއްސަކޮށްގެން ކުރިއަށްދިޔަ ހަފްލާއެއްގައި ހުދު ކަރުދާސް ރަސްމީކޮށް ނެރެ ދެއްވީ ޕްރޮފެސަރ ހަސަން އުގެއިލާއި މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް އެންޕަވަރމަންޓް އަހުމަދު މަހުލޫފެވެ.
މި ހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ ހުރިހާ ރަށެއްގައި ވަކިވަކިން ހިންގާނެ ޕްރޮގްރާމްތައް ހޯދައި އެކަން ކުރުމަކީ މިނިސްޓްރީއަށް އެތަކެއް ގޮންޖެހުންތަކެއް ހުރި ކަމެއް ކަމަށެވެ.
އަދި ހުދު ކަރުދާސް ނެރުމުން ރަށު ކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލްތައް މެދުވެރިކޮށް އެ ރަށެއްގައި ހިންގޭނެ އެކި ޕްރޮގްރާމްތަކާއި، ރަށައް މުހިއްމު ޕްރޮގްރާމްތައް ދެނެގަނެވޭނެ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
އަދި ޔޫތް މިނިސްޓްރީއަކީ ހަމައެކަނި ކުޅިވަރަށާއި ފިރިހެނުންގެ މިނިސްޓްރީއެއް ނޫންކަމަށާއި، މިނިސްޓްރީއަކީ ޒުވާނުންނާއި ކޮމިއުނިޓީ އެމްޕަވަމަންޓަށް މަސައްކަތް ކުރާ މިނިސްޓްރީއެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން ހުދު ކަރުދާހާއެކު އެ ރަށަކަށް އެންމެ ބޭނުންވަނީ ކޮންކަހަލަ ޕްރޮގްރާމްތަކެއްކަން ދެނެގަނެވުމުން ކުރިއަށްހުރި ޕްރޮގްރާމްތައް ހިންގުމަށް ފަސޭހަވެގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާރުގައި ވާހަކަ ދައްލަވަމުން ޕްރޮފެސަރ އުގެއިން ވިދާޅުވީ ޔޫތް މިނިސްޓްރީއިން އާންމު ކުރި ހުދު ކަރުދާހަކީ ސްކޫގެ ކްލާސްރޫމުގައި ދަސްކޮށްނުދޭ، ދިރިއުޅުމަށް މުހިއްމު އެތައް ކަމެއް ހިމެނޭ ކަރުދާހެއް ކަމަށެވެ. އިޖްތިމާއީ ކަންކަމާއި ސިއްހީ ކަންކަންވެސް ހިމެނޭ ގޮތައް އެކުލަވާލާފައިވާ މި ކަރުދާހަކީ އެ ކަރުދާހައް އުނި އިތުރު ގެނެސް، ރައްޔިތުންގެ ހިޔާލު އެކި ކަންކަމުގައި ފާޅު ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ކަރުދާހެއްކަން ޕްރޮފެސަރ ފާހަގަ ކުރެއްވިއެވެ. އަދި މި ފަދަ ކަރުދާހެއްގައި އޭގެ އަމަލީ ސިފަ ޖެއްސޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށް ވުމުން މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދިނުމަށް ޕްރޮފެސަރ އެދިވަޑައިގަތެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ކުރި މި ހުދު ކަރުދާސް ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލުތަކުގެ އިތުރުން ޔޫތް މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެމިނިސްޓްރީއިން މައުލޫމާތު ދެއެވެ. އަދި މި ހުދު ކަރުދާހާއެކު ރައްޔިތުން އެދޭ ފަދަ ޕްރޮގްރާމްތައް އެރަށެއްގައި، ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދިއުމަށް ލިބިގެންދާނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.