ދުންޔާ މައުމޫން

ދުންޔާ އާސަރުކާރަށް: ފޮރިން ސާވިސް އެކްޓްގެ މަސައްކަތް އަވަސްކުރަން ޖެހޭ

އަންނަން އޮތ ސަރުކާރުން ފޮރިން ސާވިސް އެކްޓެއްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަވަސްކޮށް ފާސްކޮށް ނިންމަން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ދުންޔާ މިހެން ވިދާޅުވީ ރާއްޖޭގެ އޮންލައިން ނޫސް "އަވަސް" އިން އިއްޔެ އަލަށް ފެށި "ހުކުރު އަވަސް" ޕްރޮގްރާމްގައި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

ދުންޔާ ވިދާޅުވީ ފޮރިން ސާވިސް ގައި އުޅޭ މުވައްޒަފުންނަށް ސިޔާސީ ނުފޫޒުން އެއްކިބާވެ ތިބެ މަސައްކަތް ކުރެވޭނީ ފޮރިން ސާރވިސް އެކްޓެއް އޮވެގެން ކަމަށެވެ. މިހާރު އޮންނަ ގޮތުން ސިޔާސީ ނުފޫޒުން އެެއްކިބާވެ ތިބެ ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރަން ހުރަސްތަކެއް ހުންނަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ ވާން ނުޖެހޭ ލެވެލް ތަކުގަ ތިބޭ މުވައްޒަފުން ވެސް މިހާރު އެބަ ޖެހޭ ވަޒީފާގެ ބިރުގަ ސިޔާސީ ވާން. ސަރުކާރުތައް ބަދަލުވީމަ ވެސް މައްސަލަތައް ދިމާވޭ. އެހެންވީމަ އެކުދީންނަށް ޗޮއިސް އެއް ނެތް." ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ސިވިލް ސާރވިސް ވިޔަސް ފޮރިން ސާވިސް ވިޔަސް އެކަހެރި ކުރާން ޖެހޭ ސާވިސްތައް ވަކިކުރަން ޖެހޭ ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އީރާނާ ގުޅުން ކަނޑައިލުމުން ވަރަށް ބޮޑަށް ދެރަފުޅުވި ކަމަށް ދުންޔާ ވިދާޅުވި އެވެ. އެހެން ނަމަވެސް ދުންޔާ ވިދާޅުވީ ޚާރިޖީ ސިޔާސަތު ހިންގައި ތަންފީޒު ކުރުމަކީ ގާނޫނު އަސާސީން ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައި އޮންނަ ބާރެއް ކަމަށާއި ފޮރިން މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ދެއްވޭނީ ލަފަޔާއި އިރުޝާދު ކަމަށެވެ.

އީރާނާ ގުޅުން ކަނޑައިލުން ހުއްޓުވޭތޯ ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ. ދުންޔާ ވިދާޅުވީ ދިވެހިރާއްޖެ އަކީ މިނިވަން މުސްތަގިއްލު ގައުމަކަށް ވާއިރު އަމިއްލަ އަށް ކަންކަން ނިންމުމުގެ ކެރުންތެރިކަން ހުންނަން ޖެހޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.