މާލޭގައި ހުންނަ ޔޫއެން ބިލްޑިންގް ކައިރިން ހުއްޓުވި މީހެއް އަތުން، ވަގަށް ނަގާފައިވާ ފޯނުތަކެއް ފުލުހުން ހޯދައިފި އެވެ.
ފުލުހުން މާލެތެރެ ޕެޓްރޯލު ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން ފާސްކުރި 38 އަހަރުގެ މި މީހާގެ އަތުން ހަތަރު ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.
މިއަދު 14:20 ހާއިރު މި މީހާ ހިފަހައްޓަފައިވާ އިރު، އޭނާގެ އަތުން ފެނުނު ހަތަރު ފޯނުގެ ތެރެއިން ތިން ފޯނަކީ އެ ހިސާބު ގެއަކުން މިއަދު 12:00 ހާއިރު ވަގަށް ނަގައިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ މައްސަލައާ ގުޅުން ހުރި ފޯނުތަކެއް ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ފުލުހުން ހިފަހައްޓަފައި ވަނީ 38 އަހަރުގެ ފިރިހެނެކެވެ. ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.