ޚަބަރު

މަގުމަތިން އަންހެނަކާ ފޮށުނު މައްސަލައެއްގައި 56 އަހަރުގެ މީހަކު ހައްޔަރުކޮށްފި

މަރިޔަމް ޝަހުދާ

މަގުމަތިން އަންހެނަކާ ފޮށުނު މައްސަލައެއްގައި 56 އަހަރުގެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި މިހާދިސާ ފުލުހުންނަށް އިއްޔެ ރިޕޯޓުކޮށްފައިވާއިރު، މި މައްސަލައިގައި އިތުރު ވިކްޓިމްސް އުޅޭކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މައުލޫމާތުދިން ގޮތުގައި މި މައްސަލައިގައި 56 އަހަރުގެ ފިރިހެނަކު ފުލުހުން ހައްޔަރުކުރީ މިއަދުގެ ވަގުތެއްގައެވެ. އަދި މިހާރު މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމަތު ދިނެވެ.

ފުލުހުން ވަނީ މި މިއްސަލައާ ގުޅޭ އިތުރު މައުލޫމާތެއް އެއްވެސް ފަރާތަކުން ހިއްސާ ކުރަން ބޭނުން ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3000600 އަދި 9790163 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކޮށްދެއްވުމަށް އާންމުންގެ ކިބައިން އެދިފައެވެ.

މި މައްސަލަ ހޮނިހިރު ދުވަހުގެ ރޭ ފުރަތަމަ ފެންމަތިވީ ސޯޝަލް މީޑިއާގައި އަންހެނަކު މި ފިރިހެންމީހާގެ ވީޑިއޯއެއް ޝެއާކުރުމާ ގުޅިގެންނެވެ. މި ވީޑިއޯކޮޅާއެކު އެ ފިރިހެންމީހާ އޭނާއާ މެދު އަމަލު ކުރިގޮތް އަންހެން ކުއްޖާ ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެއާއެކު އެތައް ބަޔަކު ވަނީ ކަމާބެހޭ އިދާރާތަކުން މިމައްސަލަ ބަލައި، މި ފިރިހެންމީހާ އާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

ފުލުހުންގެ ސްޕޯކްޕާޝަން އިޒްމިއާ ޒާހިރު ކުރެއްވި ޓުވީޓެއްގައި ވަނީ މި މައްސަލަ ބަލައިދޭނެކަމަށް ވިދާޅުވެފައެވެ. އަދި ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު މި މައްސަލައާ ގުޅޭގޮތުން ވިދާޅުވީ މި މައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ބަލަމުން އަންނަ ކަމަށެވެ. އަދި މި މައްސަލަ ރައްދުވާ ފިރިހެންމީހާ ހައްޔަރުކޮށް، މައްސަލަ ބަލަމުން އަންނަ ކަމަށް ހަމީދު ވިދާޅުވިއެވެ.