ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނެސް، އާންމު ރައްޔިތުންނަށް މަޖިލީހަށް ބިލުތައް ހުށަހެޅޭ ގޮތަށް ގަވައިދު އިސްލާހު ކުރަން އަދާލަތު ޕާޓީން ހުށަހަޅަން ނިންމައިފިއެވެ.
އަދާލަތު ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ގާނޫނީ ކޮމެޓީގެ މެމްބަރު އަހުމަދު ޝިޔާޒު ވިދާޅުވީ، މަޖިލީހަށް ބިލު ހުށަހެޅުމުގެ ފުރުސަތު އާންމުންނަށްވެސް އޮންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އެހެންކަމުން މަޖިލީހުގެ 20 ގަވައިދަކަށް އިސްލާހު ހުށަހަޅަން އެޕާޓީން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
ޝިޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެވޭ ތަނަކަށް ވާންޖެހޭނެ ކަމަށެވެ. އެހެންކަމުން އެފަދަ އިސްލާހު ތަކެއް ހުށަހެޅުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ރައްޔިތުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ހޯދުމަށް އޮތް އެންމެ ރަގަޅު ގޮތްކަމަށް ގަބޫލުކުރައްވާކަމަށް ޝިޔާޒު ވިދާޅުވިއެވެ.
މި 20 އިސްލާހުގެ ތެރޭގައި، މަޖިލީހުގެ ގަވާއިދުގައި މިހާރުވެސް ހިމެނިފައިވާ މާއްދާތަކަށް ކުދި ކުދި އިސްލާހުތައް ގެނައުމާއި ގުޅޭ 9 އިސްލާހެއް ވަނީ ހިމަނާފައެވެ.
އަދި މިހާރު އަމަލުކުރަމުންދާ ގަވާއިދަށް މުޅިން އަލަށް އިތުރުކޮށް، އެހެން އަކުރަކަށް ތަރުތީބު ކުރުމަށްވެސް 9 އިސްލާހެއް ވަނީ ހިމަނާފައެވެ. އަދި ބާބު އިތުރު ކުރުމަށް އެއް އިސްލާހު، މާއްދާ އިތުރު ކުރުމަށް އެއް އިސްލާހު ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
މީގެއިތުރުން ޝިޔާޒު ވިދާޅުވީ މުޅި އަހަރު ތެރޭގައި މަޖިލީހުގެ މެންބަރުންނަށް ތިން މަސްދުވަހުގެ ޗުއްޓީ ލިބޭގޮތަށް އޮތް އޮތުން ބަދަލުކޮށް މުޅި އަހަރު ދުވަހުގެ ތެރޭގައި ޗުއްޓީ ދެމަސްދުވަހަށް ބަދަލު ގެންނަން ހުށަހަޅާނެ ކަމަށެވެ.
އަދި މަޖިލީހުގެ ޖަލްސާތަކުގެ ލައިވް ފީޑް ބްރޯޑްކާސްޓްކުރާ ހުރިހާ މީޑިއާއަކަށް ދިނުމަށް ހުށަހެޅުމާއި އަދި ބަހުސް ކުރުމަށް މެންބަރުންނަށް އިތުރު ވަގުތު ދިނުމަށް އިސްލާހު ހުށަހަޅާނެ ކަމަށެވެ.
އެގޮތުން މިނިވަން ކޮންމެ މެންބަރަކަށް މަދުވެގެން ފަސް މިނެޓް، އަދި ހަތް މެންބަރުންނަށް ވުރެ ޕާޓީގައި މެންބަރުން މަދުނަމަ ޖުމްލަ ދިހަ މިނެޓަށްވުރެ މަދު ނުވާގޮތަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށް ޝިޔާޒު ވިދާޅުވިއެވެ.
އަދާލަތު ޕާޓީން މަޖިލީހުގެ ގަވައިދަށް އިސްލާހު ގެނައުމަށް ހުށަހަޅަން ނިންމި ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލުކުރައްވާނެ މެންބަރަކު ނެތެވެ.