ޚަބަރު

"ގައިދީއަކަށް މައާފު ދިން ކަމަށް ބުނާ މައްސަލަ މިދަނީ ބަލަމުން، އިހުމާލުވާ ފަރާތެއްވާނަމަ ފިޔަވަޅު އަޅާނަން"

އަލީ އިހްސާން

2

އަހުމަދު އަސީލުގެ މަރުގެ މައްސަލާގައި ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާ ގދ، ވާދޫ އާބަހާރުގޭ އިހުސާން ރަޝީދަށް ދައުލަތުން މައާފު ދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މައްސަލައިގެ ހަގީގަތް ބަލަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

ހޯމް މިނިސްޓްރީން މިހެން ބުނެފައިވަނީ އަގޯރާ އެކްސްޕްރެސް ގޯޅި ތެރޭގައި އަހްމަދު އަސީލު މަރާލި މައްސަލައިގައި ޖުވެނަލް ކޯޓުން މީހަކު މަރާލިކަމަށް ސާބިތުވެ 13 އަހަރުގެ ޓެރެރިޒަމްގެ ހުކުމެއް ތަންފީޒު ކުރަމުން ދިޔަ އިހްސާނަށް ދައުލަތުން މާފުދީ ލިޔުން ހަވާލުކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ތެރެއިން މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުން ގެންދާ މެސެޖަކާ ބެހޭ ގޮތުން "ވަންއޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ އެވާހަކަތަކުގެ ހަގީގަތާ ހަމައަށް ދެވުމުން އެކަމާ ގުޅޭ މައުލޫމާތު އާންމު ކުރާނެ ކަމަށާއި ސޯޝަލް މީޑިއާގައި ދައުރުވާ ވާހަކައިގެ ހަގީގަތެއް އަދި ކަށަވަރުކުރެވިފައި ނުވާ ކަމަށެވެ.

"އެވާހަކަ ސޯޝަލް މީޑިއާގަ އެބަ ދެކެވޭ. އަޅުގަނޑުމެން މިހާރު މިގެންދަނީ ބަލަމުން އެއީ ހިނގާފަ އޮތްކަމެއްތޯ. މައާފުދެވޭ ކުށްތަކަށް މައާފުދެއްވަނީ ރައީސުލްޖުމްހޫރިއްްޔާ. ރައީސުލްޖުމްހޫރިއްޔާ މައާފުދެއްވާ ފަރާތަކަށް އެ ޕްރޮސެސް ކުރިއަށް ގެންދަވާނީ ކަރެކްޝަނަލް ސާވިސައިން. އެހެންވީމާ ކަރެކްޝަނަލް ސާވިސަސްގެ ތެރެއިން އެކަން ހިނގީ ކިހިނެތްތޯ ބަލަފައިފަ އޭގެ ހަގީގަތާ ހަމައަށް ދެވުނީމަ އޭގެ މައުލޫމާތު އާންމު ކުރާނަން." ވަންއޮންލައިންއާ ވާހަކަދައްކަވަމުން އަލީ ނަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޒީރު ވިދާޅުވީ ކަރެކްޝަންގެ ތެރެއިން އެފަދަ ކަމެއް ހިނގާފައިވާ އޮތްކަމުގައިވަންޏާ ބަލައި ތަހްގީގުކޮށް އަޅަންވާ ފިޔަވަޅު ސަރުކާރުން އަޅާނެ ކަމަށެވެ. ގައިދީޔަކު މިނިވަންކުރުމުގެ ތެރޭގައި އުސޫލުން ބޭރުން ކަމެއް ހިނގާފައިވާނަމަ އެއަށް އެޑްރެސް ކުރާނެ ކަމަށެވެ.

މަރުގެ މައްސަލަތަކަކީ ކުލައިމެންސީ އަދި ޕޭރޯލްވެސް ލިބޭ ކުށެއް ނޫނެވެ. އަސީލްގެ މަރުގެ މައްސަލައިގައި ދައުލަތުން ޓެރަރިޒަމުގެ ދައުވާ އުފުލާފައިވަނީ، ގދ. ތިނަދޫ ސްވީޓްޑްރީމް އަހުމަދު ނިމްޝާދުއާއި، ހުޅުމާލެ 10118 އަހުމަދު ޖައުފަރުއާއި، ދަފްތަރު 6566 އިސްމާއިލް ރިފާއުއާއި، ގދ، ވާދޫ އާބަހާރުގޭ އިހުސާން ރަޝީދުއާއި، މ. ގޯލްޑްބަރޑްލިލީ ހަސަން އިސާމް މުހައްމަދުގެ އިތުރުން މއ. ރާޅުއެރިގެ ޝާރިފް ޝަރީފްގެ މައްޗަށެވެ. މި ހަމީހުންގެ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 23 ވަނަ ދުވަހުގެ ރޭ 8:45 ހާއިރު "އަގޯރާ އެކްސްޕްރެސް" ފިހާރަ ކައިރީގައި އަސީލުއާއި އިތުރު ދެ މީހަކު ތިއްބައެވެ.

އެ ހަ މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 23 ވަނަ ދުވަހުގެ ރޭ 8:45 ހާއިރު "އަގޯރާ އެކްސްޕްރެސް" ފިހާރަ ކައިރީގައި އަސީލުއާއި އިތުރު ދެ މީހަކު ހުއްޓައި، އެ ހަ މީހުން އެތަނަށް ގޮސް އަސީލުއާއި އޭނާއާއެކު ތިބި މީހުންނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟