ޚަބަރު

ސާފު ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަކީ ވަރަށް ބޮޑު އަމާޒެއް: މިނިސްޓަރ ފައްޔާޒު

އަލީ އިހްސާން

ސާފު ހަކަތަ އުފައްދާ މިންވަރު އިތުރު ކުރުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑެވެލޮޕްމެންޓް އަލްއުސްތާދު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ސާކް ކައުންސިލް އޮފް އެކްސްޕަރޓްސް އޮފް އެނާޖީ ރެގިއުލޭޓާސް (އިލެކްޓްރިސިޓީ) ގެ ހަތަރުވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ ރާއްޖެއަކީ ތެޔޮ ގަތުމަށް ބޮޑު ހޭދައެއް ކުރާ ގައުމެއްކަމަށާއި، ކަރަންޓުގެ އަގު ބޮޑުވުމުގެ ޝަކުވާއަކީ ވިޔަފާރިވެރިންވެސް ކުރާ ޝަކުވާއެއްކަމަށެވެ. އެހެން ކަމުން ކަރަންޓުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ. މިނިސްޓަރ ފައްޔާޒު ވިދާޅުވީ އެމަނިކުފާނުގެ މިނިސްޓަރުކަމުގައި އެންމެ ބޮޑަށް ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުމަކީ ކަރަންޓުގެ އަގު ހެޔޮ ހިދުމަތެއް ނެތުންކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ފައްޔާޒު ވިދާޅުވީ، އެންވަޔަރަންމަންޓް މިނިސްޓްރީއާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ހެޔޮއަގުގައި ދެމެހެއްޓެނިވި ގޮތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމާ ބެހޭ މަޝްވަރާތައް ކުރަމުންގެންދާ ކަމަށެވެ.

މިނިސްޓަރ ފައްޔާޒު ވިދާޅުވީ، ސައުތު އޭޝިއާގެ ގައުމުތަކުގައި ކަރަންޓުގެ ބާޒާރެއް އުފެދިފައި ނުވާކަމަށާއި، އެކަމުގެ ސަބަބުން ކަރަންޓުގެ އަގު ބޮޑުވެ، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ހިދުމަތް ދިނުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ހޮޓެލްޖެންގައި މިއަދުފެށި ބައްދަލުވުމަކީ "ސާކް ފްރޭމްވަކް އެގްރީމަންޓް ފޮރ އެނާޖީ ކޯޕަރޭޝަން (އިލެކްޓްރިސިޓީ) ތަންފީޒުކޮށް ސާކް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކަރަންޓު ގަނެ ވިއްކުމުގެ ބާޒާރެއް އުފައްދައި އިގްތިސާދީ ގުޅުން ވަރުގަދަކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވާލެވިފައިވާ ޑްރާފްޓް މަގުޗާޓު ފައިނަލް ކުރުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.