އިބްރާހިމް ޒަކީ
މަރުތަކާއި، ވީނުވީއެއްނޭނގި ގެއްލިފައިވާ މީހުންގެ ކަންތައް ތަހުގީގު ކުރުމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންތަކަށް، ޖިނާއީ އިޖުރާއަތުގެ ގާނޫން ބާރުތައް ދިންނަމަވެސް ގާނޫނީ މަދަނީ އިޖުރާއަތްތަކަށް ކޮމިޝަނުން ތަބާވާންޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ކޮމިޝަނަތަކަށް ބާރުދޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ، ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ރައީސުލް ޖުމްހޫރިއްޔާއަށް ލިބިވަޑަިއގެންވާ ބާރެއް އިހުތިޔާރު ކުރައްވައި އުފައްދަވާފައިވާ ރިޔާސީ ކޮމިޝަން ތަކަށް ބާރު ދިނުމަކީ ރާއްޖޭގައި އިންސާފު ގާއިމް ކުރެއްވުމަށް ރައީސް ވެ ވަޑައިގެންނެވި ވައުދުގެ ދަށުން މަސައްކަތް ކުރެއްވުމަށް ދެވޭ އިތުބާރެއް ކަމަށެވެ.
"މި ބިލުން އުފައްދާ ކޮމިޝަންތަކަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުން ކަނޑައަޅާފައިވާ ބާރުތައް ދީފައި އޮންނައިރު އެބާރުތައް އެން މެ ފުރިހަމައަށް ބޭނުކުރެވޭގޮތަށް އިހުތިޔާރު ދިން ނަމަވެސް މަދަނީ މައްސަލަތަކުގައި މިހާރުވެސް އަމަލު ކުރަންޖެހޭ ގާނޫނީ މަދަނީ އިޖުރާއަތްތަކަށް ކޮމިޝަނުން ތަބާވާންޖެހޭނެކަމަށް ކަނޑައެޅިގެން ބަޔާންކޮށްފަ އޮންނަންޖެހޭ،" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ، ކޮމިޝަންތައް އުވާލުމުގެ އިހުތިޔާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައިވާއިރު، ކޮމިޝަންތައްް އުވާލާއިރު، ކޮމިޝަނުން އެހާތަނަސް ކޮށްފަހުރި މަސައްކަތްތަކަށް ވާނެގޮތެއް ބިލުގައި ސާފުކޮށް ބަޔާންކޮށްފައި އޮންނަންޖެހޭ ކަމަށެވެ.
"އެގޮތުން ކޮމިޝަނުން ހޯދާފައި ހުންނަ މައުލުމާތު ތަކާއި، ހެތްކާއި، ހެކި ބަސްތަކާއި، ސައްހަ އެއްޗެހީގެ ގޮތުގައި ދެމި އޮތުމާއި، އަދި ރައީސުލް ޖުމްހޫރިއްޔާ ކޮމިޝަނެއް އުވާލާއިރު އެ ކޮމިޝަނުން ކުރަމުންދިޔަ މަސައްކަތްތަކުގެ ތެރެއިން ނުނިމިހުރި މަސައްކަތްތައް ބަދަލު ކުރާނެ މުއައްސަސާއެއް ކަނޑައަޅައިފައޮތުން އެއީ ރިސޯސް ބޭކާރުވެ ނުދިއުމަށްޓަކައި ކޮންމެހެންވެސް ގެންނަންނެހޭ އިސްލާހެއް،" ބިލަށް އިސްލާހު ހުށަހަޅުއްވަމުން ހިސާން ވިދާޅުވިއެވެ.