ޚަބަރު

ބަދުނާމުވާގޮތަށް މަޖިލީހުގައި ވާހަކަ ދެއްކުމަކީ ޑިމޮކްރަސީއާއި އެއްބައިވަންތަކަމަށް ހުރަސްއެޅުން: ގާސިމް

އިބްރާހިމް ޒަކީ

މެންބަރުން ރައްޔިތުންގެ މަޖިލީހުގެ ބަހުސްގައި ވާހަކަ ދައްކަވާއިރު، ވަކި ފަރާތެއް ބަދުނާމުކޮށް އެކަަކު އަނެއްކަކަށް އިނގިލި ދިއްކޮށް ވާހަކަ ދައްކާނަމަ، އެއީ ޑިމޮކްރަސީ އާއި އަޅުގަނޑުމެންގެ ތެރޭގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމަށް އޮތް ހުރަހެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

"ވަކި ފަރާތެއް ބަދުނާމުވާގޮތަށް، އަޅުގަނޑުމެން އެކަކު އަނެކަކާ ދިމާލަށް އިނގިލި ދިއްކުރަމުން ދައްކާ ވާހަކައަކީ، އަޅުގަނޑުމެންގެ ތެރޭގައި ޒަމާނީ ތަރައްގީ އާއި ގައުމެއްގެ ޑިމޮކްރެޓިކް ހަޔާތުގައި ކުރިއެރުމަށް ތަނދޭ ކަމެއްނޫން. އެކަންކަމަކީ ޑިމޮކްރަސީއަށް ހުރި ހުރަހެއް. އެކުރެވިކަމާއި އެއްބައިވަންތަ ކަމަށްވެސް އޮތް ހުރަހެއް،" ގާސިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި "ގާނޫނީ ފަންނުގެ ގާނޫނު" ގެ ބިލަށް ކުރިއަށްދިޔަ ބަހުސްގައި ގާސިމް މިމޭރުމުން ވާހަކަ ދެއްކެވީ، ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި ގާސިމް އިންނެވިއިރު މަޖިލީހަށް ހުށަހެޅި، ރައީސުލް ޖުމްހޫރިއްޔާ އުފެއްދެ ވި ރިޔާސީ ކޮމިޝަން ތަކަށް ބާރުދިނުމުގެ ބިލް މަޑުޖައްސައިލި މައްސަލަށް އީޝާރާތް ކުރައްވައި ބައެއް މެންބަރުން ތަކުރާރުކޮށް ވާހަކަ ދެއްކެވުމާ ގުޅިގެންނެވެ.

ރިޔާސީ ކޮމިޝަންތަކަށް ބާރު ދިނުމުގެ ބިލުގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން ބައެއް މެންބަުން ވިދާޅުވީ، 18ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލް ހުށަހެޅި ނަމަވެސް މަކަރާއި ހީލަތުން ބިލް ފާސްވިޔަނުދީ ހިފޭއްޓީކަމަށެވެ.

އެވާހަކަތަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ، ބިލު މަޑުޖައްސައިލީ އެއީ ގެންނަނުޖެހޭބިލެއް ކަމަށް ދެކިވަޑައިގެންނޫން ކަމަށާއި، އެބިލްގައި ގާނޫނު އަސާސީއާ ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށެވެ.

"ބައެއް އިއްޒަތްތެރި މެންބަރުން ދެބިލެއްގެ ވާހަކަ ތަކުރާރުކޮށް ފަށްފަށްކޮށް އަޅުގަނޑުމެން ކޯލީޝަން ޕާޓުނަރުންގެ ގޮތުގައި ތިބެ، އެކަންކަން ނުކުރީކަމަށް ދެކެވަޑައިގަންނަވާތީ މިވާހަކަ މި ދަންނަވައިލީ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ، އެމަނިކުފާނަކީ އަބަދުވެސް އިސްލާހީ ބަދަލުތައް ގެނައުމަށް ތާއީދު ކުރައްވާ ބޭފުޅެއް ކަމަށާއި، އެކަން މަޖިލީހުގެ ރައީސަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ.