ޚަބަރު

ގިނަ ދަރިވަރުން ލޯނަށް ނުހޮވުނު ސަބަބު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފި

އަލީ އިހްސާން

ގިނަ ދަރިވަރުން ލޯނަށް ނުހޮވުނު ސަބަބު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.

މިއަދު މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހީމް ހަސަން ވިދާޅުވީ މިފަހަރު އެންމެ ގިނަ އަދަދަކަށް ދަރިވަރުން ޑިސްކޮލިފައިވެފައިވަނީ ހުށައަޅަންޖެހޭ ސެޓްފިކެޓްތަކުގެ ދެފުށް ހުށައަޅާފަ ނެތުމުން ކަމަށެވެ. އެގޮތުން ސެޓްޕިކެޓް ތަކުގެ ދެފުށް ހުށަނޭޅުމުގެ ސަބަބުން 271 ދަރިވަރަކު ޑިސްކޮލިފައިވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކަނޑައަޅާފައިވާ ގައުމުތަށް ފިޔަވައި އެހެން ގައުމުތަކަށް ލޯނަށް އެދި ހުށައަޅާފައިވުމުން 192 ކުއްޖަކު ޑިސްކޮލިފައިވެފައިވާ ކަމަށެވެ. ތިންވަނައަށް އެންމެގިނައިން ކުދިން ޑިސްކޮލިފައިވެފައިވަނީ އިއުލާނާ އެއްގޮތަށް އެޓެސްޓޭޝަން ފުރިހަމައަށް ހުށައަޅާފައިނުވާ ދަރިވަރުންނެވެ. އެގޮތުން އެޓެސްޓޭޝަން ފުރިހަމަ ނުކުރުމުގެ ސަބަބުން 183 ދަރިވަރުން ޑިސްކޮލިފައިވެފައިވެއެވެ.

މީގެ އިތުރުން މިފަހަރު ދަރިވަރުން ޑިސްކޮލިފައިވެފައިވާ އިތުރު ސަބަބުތަކުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ކިޔަވަން ހުޅުވާލި ފުރުސަތުގައި ރާއްޖޭގައި ކިޔެވުމަށް އެދި ހުށައެޅުމާއި، ކޯސްހިންގާކަމުގެ ލިޔުން ހުށައަޅާފަ ނެތުމާއި، ކޯހަށް ބޭނުންވާ އެމް.ކިޔު.އޭގެ ޝަރުތު ފުރިހަމަނުވުމާއި، ކުރީގެ ލޯނެއް ނުދައްކާ އޮތުމާއި، ހުށައަޅަންޖެހޭ ސްކީމް ނޫން އެހެން ސްކީމަކަށް ފޯމު ހުށައަޅާފައިވުމާއި، ކޮލިފައިވެ ނަމަވެސް ކަނޑައެޅިފައިވާ 30 ސްލޮޓްގެ ތެރޭގައި ނުހިމެނުމާއި، ކޮލިފައިވެ ނަމަވެސް ކަނޑައެޅިފައިވާ ފަސް ސްލޮޓްގެ ތެރޭގައި ނުހިމެނުމާއި، ރިޕީޓް އެޕްލިކޭޝަން ހުށައަޅާފައިވުމާއި، ސެޓްފިކެޓް އެކްރެޑިޓްކޮށްފައި ނެތުމާއި، މޯލްޑިވްސް މެޑިކަން އެންޑް ޑެންޓަލް ކައުންސިލްއިން ގަބޫލުނުކުރާ ކޯސްތަކަށް ކުރިމަތިލާފައިވުން ހިމެނެއެވެ.

މާޗްމަހު ހުޅުވާލި 242 ލޯނުގެ ފުރުސަތަށް 993 ދަރިވަރުން ކުރިމަތިލާފައިވާއިރު މި ސަބަބުތަކާހެދި އެތަނުން ލޯނު ލިބިފައިވަނީ 79 ދަރިވަރުންނަށެވެ. މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ވިދާޅުވީ މާޗް 2019 ލޯން ސްކީމަށް ހުށައަޅާ ނުހޮވުނު ދަރިވަރުންނަށް މިހަފްތާގެ ތެރޭގައި މިނިސްޓްރީގެ "މައިއެޑިޔު" ޕޯޓަލް ގެތެރެއިން އެޕްލިކޭޝަން އެޑިޓްކޮށް ފޯމު ހުށައެޅުމުގެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. ޑިސްކޮލިފައިވި ސަބަބު މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެކަމަށް ވެސް މިނިސްޓްރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ލޯނު ދިނުމުގެ އުސޫލު ލުއިފަސޭހަ ގޮތަކަށް މުރާޖައާ ކުރުމަށްފަހު، އެ ސްކީމުގައި ބޭނުންކުރެވިފައިނުވާ 163 ޖާގަ އަލުން ހުޅުވާލަން ނިންމާފައިވަނީ، ވީހާވެސް ގިނަ ބަޔަކަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ އަމާޒުގައި ކަމަށެވެ.