މައާފް ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ، ކްލެމެންސީ ބޯޑުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮތުގައި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުގެ ނަން މަޖިލީހަށް ފާސް ކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކްލެމެންސީ ބޯޑުގައި ޝިފާއު ހިމެނުމަށް ފެނޭތޯ ވޯޓަށް އެއްސެވުމުން، އެނަން ފާސްކުރީ ޖަލްސާގައި ތިއްބެވި 82 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 81 މެންބަރުންގެ އއިްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބޯޑުގެ މެންބަރުކަމަށް ޝިފާއުގެނަން މަޖިލީހަށް ހުށަހެޅުއްވީ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްއެވެ.
އެ ނަމަށް ތާއީދު ކުރެއްވީ، ދިއްގަރު ދާއިރާގެ މެންބަރު އިކުރާމް ހަސަން އެވެ.
ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އެ ބޯޑުގައި އިންނެވީ އޭރުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް އެވެ.
މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މުހައްމަދު ވަހީދު އިބްރާހިމް ހޮވިވަޑައިގެންފައެއް ނުވެއެވެ.