ޚަބަރު

އެނާޖީ ރެގިއުލޭޓާސް ގެ ހަތަރުވަނަ ބައްދަލުވުން ފަށައިފި

އަލީ އިހްސާން

ސާކް ކައުންސިލް އޮފް އެކްސްޕަރޓްސް އޮފް އެނާޖީ ރެގިއުލޭޓާސް (އިލެކްޓްރިސިޓީ) ގެ ހަތަރުވަނަ ބައްދަލުވުން ފަށައިފިއެވެ.

ހޮޓެލްޖެންގައި މިއަދުފެށި މި ބައްދަލުވުމަކީ "ސާކް ފްރޭމްވަކް އެގްރީމަންޓް ފޮރ އެނާޖީ ކޯޕަރޭޝަން (އިލެކްޓްރިސިޓީ) ތަންފީޒުކޮށް ސާކް ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކަރަންޓު ގަނެ ވިއްކުމުގެ ބާޒާރެއް އުފައްދައި އިގްތިސާދީ ގުޅުން ވަރުގަދަކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވާލެވިފައިވާ ޑްރާފްޓް މަގުޗާޓު ފައިނަލް ކުރުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ، އައްޑޫ ސިޓީ 2011 ވަނަ އަހަރު ބޭއްވި 17 ވަނަ ސާކް ސަމިޓުގައި ސާކް މެންބަރު ގައުމުތަކުގެ މެދުގައި ހަކަތައިގެ ގުޅުން ވަރުގަދަ ކުރުމަށް ސާކް ފްރޭމްވަކް އެއްގެރީމަންޓެއް އެކުލަވާލާފަވާކަމަށެވެ. އަދި ސާކްގެ ދޭދޭ ގައުމުތަކުގެ ގުޅުން ވަރުގަދަ ކުރުމަށް ސާކް ފްރޭމްވަރކް އެގްރީމަންޓެވަނީ އެކުލަވާލާފައިވާ ކަމަށެވެ.

ސާކްގެ ދޭދޭ ގައުމުތަކުގެ މެދުގައި އެގައުމެއްގައި ގާނޫނާ ގަވާއިދުތަކާއި އެއްގޮތްވާގޮތުންގެ މަތިން ވޮލަންޓަރީކޮށް ކަރަންޓު ގަނެވިއްކުމަށް 2014 ވަނަ އަހަރު ރާއްޖޭގެ ފަރާތުން ވަނީ ސޮއިކޮށްފައެވެ. މި މަސައްކަތް ކުރިއަށް ގެންދިޔުމަށް މަގުފަހިކުރުމަށް ސާކް އެނާޖީ ރެގިއުލޭޓަރސްގެ ދެވަނަ ބައްދަލުވުމުގައި އެނާޖީ ރެގިއުލޭޓަސް އެކްސްޕަރްޓުންގެ ކައުންސިލެއް 2016 ވަނަ އަހަރު އެކުލަވާލައި އަދި ކޮންމެ އަހަރަކުވެސް އެކައުންސިލްގެ ބައްދަލުވުމެއް ދަނީ ބާއްވަމުންނެވެ. މި މަސައްކަތުގެ ސަބަބުން ދިވެހިރާއްޖޭ އާއި ސާކުގެ އެހެނިހެން ގައުމުތަކަށް ހަކަތައިގެ ދާއިރާއަށް ކުރިއެރުން ލިބުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ހާމަކުރެއެވެ.