ޚަބަރު

މީހުން ޓްރެފިކް ކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީއަށް ޖީހާން އިންތިހާބު ކޮށްފި

އިބްރާހިމް ޒަކީ

މީހުން ޓްރެފިކްކުރުން ހުއްޓުވުުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ، މީހުން ޓްރެފިކް ކުރުމާ ގުޅޭ ކަންކަން ވިލަރެސްކުރާ ކޮމިޓީގައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުގެ ނަން މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކޮމިޓީއަށް ޖީހާން އިންތިހާބު ކޮށްފައިވަނީ، އެނަމަށް ވޯޓު ދެއްވި 81 މެންބަރުންގެ އިއްތިފާގުންނެވެ. އެވަގުތު ޖަލްސާގައި ތިއްބެވީ 82 މެންބަރުންނެވެ.

އެ ކޮމިޓީގެ މެންބަރަކަށް ޖީހާންގެނަން ހުށަހަޅުއްވީ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް އެވެ.

ޖީހާންގެނަމަށް ތާއީދު ކުރެއްވީ، ކެނދި ކުޅުދޫ ދާއިރާގެ އަހުމަދު އީސައެވެ.

މީހުން ޓްރެފިކް ކުރުމާއި، ބޭރުމީހުން ގެނައުމުގެ ކަންކަމާގުލޭ ގޮތުން ދައުލަތުގެ އެންމެހާ ކަން ވިލަރެސް ކުރުމަށް ގާނޫނުން އުފައްދާފައިވާ މި ކޮމިޓީގައި 14 ހިމެނި ވަޑައިގަންނަވައެވެ.

އެ ކޮމިޓީގައި މަޖިލީހުގެ މެންބަރެއްގެ އިތުރުން، ދެން ހިމެނިވަޑައިގަންނަވާނީ، ސުޕްރީމް ކޯޓު ފަނޑިޔާރެއް، އެޗްއާރުސީއެމްގެ މެންބަރެ، އިކޮނޮމިކް މިނިސްޓްރީގެ މުވައްޒިފެއް، އެޓާނީޖެނެރަލްގެ އޮފީހުގެ ގާނޫނީ ވަކީލެއް، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލެއް، އިމިގްރޭޝަން ކޮންޓްރޯލާ ކަނޑައަޅާ އެ ތަނުގެ މުވައްޒިފެއް، ފޮރިން މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒިފެއް، މޯލްޑިވްސް ޕޮލިސް ސާވިސްގެ އޮފިސަރެއް، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އޮފިސަރެއް، ލޭބަރރިލޭޝަންސް އޮތޯރިތީގެ މުވައްޒިފެއް، ހޯމް މިނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒިފެއް، އިސްލާމިކް މނިސްޓްރީން ކަނޑައަޅާ އެ މިނިސްޓްރީގެ މުވައްޒިފެއް، އަދި ހިއުމަން ޓްރެފިކިންއާ ދެކޮޅަށް މަސައްކަތް ކުރާ އަމިއްލަ ޖަމާއަތްތަކުގެ ފަރާތުން މެންބަރެކެވެ.

މިނިދިޔަ އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި، މަޖިިލިސް މެންބަރެއްްގެ ގޮތުގައި އެ ކޮމިޓީގައި އިންނެވީ، އޭރުގެ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ.