މައާފް ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ، ކްލެމެންސީ ބޯޑުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮތުގައި، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުގެނަން މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބޯޑުގެ މެންބަރުކަމަށް ޝިފާއުގެނަން މަޖިލީހަށް ހުށަހެޅުއްވީ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްއެވެ. އެ ނަމަށް ތާއީދު ކުރެއްވީ، ދިއްގަރު ދާއިރާގެ މެންބަރު އިކުރާމް ހަސަން އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވީ، ހުށަހެޅިފައިވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު، އެބޯޑުގެ މެންބަރެއްގެ ގޮތުގައި ހިމެނުމަށް މަޖިލީހުން ފާސްކުރަން މިއަދު 1:30 ގައި ވޯޓަށް އައްސަވާނެ ކަމަށެވެ.
ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އެ ބޯޑުގައި އިންނެވީ އޭރުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް އެވެ. މި ހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް މުހައްމަދު ވަހީދު އިބްރާހިމް ހޮވިވަޑައިގެންފައެއް ނުވެއެވެ.