ފުލުހުންނަށް ފިލަންވެގެން ފެރީން މޫދަށް ފުންމައިލި މީހާ މާވަރަލު ވަލުތެރޭގައި ފިލާ އޮއްވާ ހޯދައިފިއެވެ.
ފުލުހުން މިއަދު ބުނީ ރޭ ކަނޑުހުޅުދޫ އަށް ދަތުރު ކުރި ފެރީން ފުންމައިލި މީހާ މާވަރަލު ވަލުތެރޭގައި ފިލާ އޮއްވާ މިއަދު ހޯދާފައިވާ ކަމަށެވެ.
އެމީހާ ފެރީން ފުންމައިލީ ގއ.ކަނޑުހުޅުދުއަށް އަންނަ ފެރީއަކުން މީހަކު މަސްތުވާތަކެތި ހިފައިގެން އަންނަ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެން ކަނޑުހުޅުދޫގައި ފުލުހުން ހަރަކާތްތެރިވާކަން ފެރީގައި ހުއްޓައި އޭނާއަށް އެނގުމުންނެވެ.
ފުލުހުން ބުނީ އޭނާ ފުންމައިލީ ކަނޑުހުޅުދޫ ކައިރީގައި އޮންނަ މާވާރަލު ކައިރިއަށް ކަމަށެވެ.
ފުލުހުން ބުނީ، މި މީހާ ފެނިފައިވަނީ މިއަދު ހެނދުނު 09:00 ގައި ކަމަށެވެ.
ފުލުހުން ބުނީ، އޭނާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ އަތުން އެއްވެސް އެއްޗެއް ފެނިފައިނުވާކަމަށެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތުގައި މާވަރަލު ގައި މަސައްކަތް ކުރާ ފަރާތްތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މޫދަށް ފުންމާލި މީހާ ފެނިފައިވަނީ އޭނާ ހޯދުމުގެ މަސައްކަތް، ފުލުހުން ރެއިންފެށިގެން ކުރަމުން ގެންދަނިކޮށެވެ.
އޭނާ ފިލުމަށް އެހީތެރިވަމުން ދިޔަ ޑިންގީގައި ތިބި ތިން މީހުން ހޯދައި ރޭގެ ވަގުތެއްގައުވަނީ ހައްޔަރުކޮށްފައެވެ.