ދުންޔާ މައުމޫން

ޗައިނާ އާއި އިންޑިއާ އާ އެކު ބާއްވާ ގުޅުން ބެލެންސް ކުރަން ޖެހޭނެ: ދުންޔާ

ދިވެހިރާއްޖެއިން ޗައިނާ އާއި އިންޑިއާ އެކު ބާއްވަން ޑިޕްލޮމެޓިކް ގުޅުން ބެލެންސް ކުރަން ޖެހޭނެ ކަމަށް ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ދުންޔާ މިހެން ވިދާޅުވީ ރާއްޖޭގެ އޮންލައިން ނޫސް "އަވަސް" އިން މިއަދު އަލަށް ފެށި "ހުކުރު އަވަސް" ޕްރޮގްރާމްގައި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ދުންޔާ ވިދާޅުވީ އިންޑިއާއާ އެކު ގޮތް ގުޅުން ބޮޑަށް ހީނަރުވެގެން ދިޔައީ ރައީސް ވަހީދުގެ ވެރިކަމުގައި ޖީއެމްއާރް އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަތުލި ހިސާބުން ކަމަށެވެ. އެހިސާބުން ފެށިގެން އެކި ކަހަލަ ހިތްހަމަނުޖެހުންތައް އުފެދި ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އިންޑިއާ އިން އެޅި ކަމަށް ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ ރައީސް ވަހީދުގެ ސަރުކާރުގައި ހީނަރުވެފައި އޮތް އިންޑިއާ ރާއްޖެ ގުޅުން އަލުން ރަނގަޅު ކުރެއްވޭތޯ ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެހެން ނަމަވެސް ޗައިނާއާ ގާތްވެގެން ދިޔަ ދިޔުން މާބޮޑު ވެގެން ދިޔައީ ކަމަށް ދުންޔާ ވިދާޅުވި އެވެ.

"މީގަ މިވާގޮތަކީ އެއް ގައުމާ ގާތްވާ އިރު އަނެއް ގައުމާ ދުރު ވެވެނީ. ހުރިހާ ބަޔަކާ ވެސް ގާތްކަން ބާއްވަންވީ. ގުޅުން ބަދަހިކުރަންވީ. އެކި ގައުމު ތަކުން އެކި ކަހަލަ އެހީތެރިކަން ލިބިދާނެ." ޚާރިޖީ ދާއިރާގައި ގިނަ އަހަރު ތަކެއް ވާންދެން މަސައްކަތް ކުރައްވައިފައިވާ ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ މުޅި މި ސަހަރައްދަށް ބަލާ އިރު ވެސް ޗައިނާ އަކީ އެންމެ އަރަމުން އަންނަ ބާރު ކަމަށާއި ފައިނޭންސް ހޯދުން ފަދަ ކަންކަމަށް ބަލާ އިރު އެންމެ ފުރުސަތު އޮތީ ޗައިނާއިން ކަމަށެވެ. އެހެން ނަމަވެސް އެ ފައިނޭންސް ހޯދުން ކަމަށް ވިޔަސް އެކަން ކުރަން ވާނީ ވަރަށް ވިސްނުންތެރި ކަމާއެކު ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު އެންމެ ބޮޑަށް މި އިވެނީ ދަރަނި ބޮޑުވާ ވާހަކަ. އެހެންވީމަ އާ ސަރުކާރުން ވެސް ވަރަށް ރަނގަޅަށް ރިވިއުކޮށް ހަދަން ޖެހޭނެ. މިފައިސާ އަނބުރައި ދައްކަން އަޅުގަނޑުމެންނަށް އެފޯޑް ކުރެވޭތޯ ވެސް ބަލަން ޖެހޭނެ." ދުންޔާ ވިދާޅުވި އެވެ.

ދުންޔާ އިތުރަށް ވިދާޅުވީ ރާއްޖެއާ އިންޑިއާ އާ ދެމެދު އޮތީ ސަގާފީ ގޮތުން ބެއްޔަސް މީހުން މީހުންނާ އޮންނަ ގުޅުމަށް ބެއްޔަސް މާ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ.