މުއުމިނާ ހަލީމުގެ ނަމުގައި ޓްވީޓު ކުރާ މީހަކީ ކާކުކަން އެނގިވަޑައިގެންފިނަމަ އެމީހަކު ޝަރީއަތާ ހަމައަށްވެސް ގެންދަން ބޭނުންކަމަށް ރާއްޖޭގެ އެންމެފުރަތަ އަންހެން ވަޒީރު މުއުމިނާ ހަލީމް ވިދާޅުވެއްޖެއެވެ.
ޓްވީޓާގައި އާންމުވެފައިވާ ވީޑިއޯއެއްގައި މުއުމިނާ ވިދާޅުވެފައިވަނީ އެކަމަނާއަކީ މޯބައިލްފޯނެއް ގެންގުޅުއްވާ ބޭކަނބަލެއްނޫން ކަމަށާއި އަދި ޓްވީޓްވެސް ނުކުރައްވާ ކަމަށެވެ.
"އެކަހަލަ އެއްވެސް ކަމެއް ކުރާ މީހެއް ނޫން. އަޅުގަނޑު މިއުޅެނީ އަޅުގަނޑު ހަމަ ދުނިޔެއަށް އައި ގަރުނުގައި. މޯބައިލް ފޯނެއް ގެންގުޅޭ މީހޭއް ނޫން މިއީ. ޓްވީޓް ކުރާ މީހެއް ނޫން. އަޅުގަނޑު އަތުގައި އޮންނާނީ ލައިން ފޯނު. ތިޔައީ ކާކު ކުރާ ކަމެއްކަން އެނގިއްޖެޔާ އެމީހަކު ޝަރީއަތަށްވެސް ފޮނުވާ ހިތްވޭ. އަޅުގަނޑުގެ ނަމުގައި ކަންތައްކޮށްގެން ނުވާނެ ނޫންތޯ." މީހަކު މެދިވެރިކޮށް މުއުމިނާ ޓްވިޓާގައި އާންމުކުރެއްވި ވީޑިއޯގައި ވިދާޅުވެފައިވެއެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ މުއުމިނާ ހަލީމަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ސުމުއްވުލްއަމީރު އިބްރާހީމް ނާސިރު، ގެ ވެރިކަމުގެ ދުވަސްވަރު ހެލްތު މިނިސްޓަރުގެ މަގާމް އަދާ ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެންބަރުކަން ދެފަހަރެއްގެ މަތިން ކުރައްވާފައިވާ ބޭފުޅެކެވެ.
މުއުމިނާ ހަލީމުގެ އިތުރުން އެކަމަނާގެ ބޮޑުބޭބޭފުޅު ނިޝާން އިއްޒުއްދީންގެ އިއްޒަތުގެވެރިޔާ އިބްރާހިމް ރަޝީދުގެ ނަމުގައިވެސް މީހަކު ދަނީ ފޭކު ޓުވިޓާއެކައުންޓެއް ހިންގަމުންނެވެ. އެކަންވެސް މުއުމިނާވަނީ ކުށްވެެރިކުރައްވައިފައެވެ.
"އެއީ އެއްގޮތަކަށްވެސް ނުކުމެވަޑައިގެން އުޅުއްވާ ބޭފުޅެއްވެސް ނޫން. ނުވަދިހަ އެތައް އަހަރެއްވެފަ ހުންނެވީ. އޭނަ ދެން ޓްވީޓް ކުރައްވަން ނިކުމެވަޑައިގަންނަވާނެތޯ. މީހުން ކުރާކަންތައްތޯ އެއީ މީހުން ހެދިގެން އުޅުން"
ދައުލަތަށް ގިނަ ދުވަސްތަކެއްވަންދެން ހިދުމަތް ކުރެއްވި ދެބޭފުޅެއްގެ ނަމުގައި ފޭކު ޓްވީޓް އެކައުންޓެއް ހަދައިގެން ޓްވީޓް ކުރަން ފެށުމުން ގިނަ ބަޔަކު ގެންދަނީ އެކަމާ ކަންބޮޑު ނުރުހުން ފާޅުކުރަމުންނެވެ.