ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ކޮމިޓީތަކެއްގެ މެޖޯރިޓީ، އެމްޑީޕީއަށް ލިބޭ ގޮތަށް ނިންމުމުގެ ސަބަބުން ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ލިބޭނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މިރޭ ވީޓީވީގެ "ފަސްމަންޒަރު" ޕޮރްގުރާމުގައި ވާހަކަދައްކަވަމުންނެވެ.
"އިދިކޮޅު ފަރާތްތަކުން އެބޭފުޅުންނަށް ލިބިވަޑައިގެންފައިވާ ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ގައުމުގެ ރައްޔިތުންގެ މަންފާއާއި ލާބައަށް ބޭނުންކޮށް، ސަރުކާރު ޖަވާބުދާރީ ކުރުމުގެ ބޭނުންވެސް ހެޔޮގޮތުގައި ކުރާނަމަ މައްސަލަތަކެއް ނުކުންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އެ ޕޮރްގުރާމުގައި ވާހަކަދައްކަަވަމުން މަރަދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ އެމްޑީޕީއަކީ ރާއްޖޭގެ ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދިނުމަށް މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި އިދިކޮޅު މެންބަރުންވެސް މަޖިލީހަށް ވަޑައިގެންތިއްބެވީ މިގައުމުގެ ހައްގުގައި މަސައްކަތްކުރައްވަންކަން ގަބޫލުކުރަންޖެހޭ ކަމަށެވެ. އެހެންކަމުން އެމްޑީޕީއަށް ކޮމިޓީތަކުގެ މެޖޯރިޓީ އޮތުމަކުން ދިމާވެދާނެ ދަތިތަކެއް ހުރެދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ކޮމިޓީތަކެއްގެ މެޖޯރިޓީ، އެމްޑީޕީއަށް ލިބޭ ގޮތަށް ހެދުމަށް މަޖިލީހުގެ ވަގުތީ ކޮމިޓީން މިއަދު ވަނީ ނިންމައިފައެވެ.