ފިލަން ކަނޑަށް ފުންމާލި މީހާ އަދި ނުފެންނަ ކަމަށާއި ފެނިފައިވާ ކަމަށް ބުނެވުނީ މައުލޫމާތުގެ ކުށަކުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ގއ.ކަނޑުހުޅުދުއަށް އަންނަ ފެރީއަކުން މަސްތުވާތަކެތި ހިފައިގެން މީހަކު އަންނަ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކަނޑުހުޅުދޫގައި ފުލުހުން ހަރަކާތްތެރިވާކަން ފެރީގައި ހުރި މީހާއަށް އެނގިގެން ކަނޑުހުޅުދޫ ކައިރީގައި އޮންނަ މާވާރަލު ކައިރިއަށް މޫދަށް ފުންމާލާފައިވާ ކަމަށެވެ.
ކަނޑަށް ފުންމާލި މީހާ ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި ފިލުމަށް އޭނާއަށް އެހީތެރިވުމަށް ދިޔަ ޑިންގީގައި ތިބި ތިން މީހުން ހޯދައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެމީހާއަށް އެހީތެރިވުމަށް ދިޔަ ޑިންގީ ވަނީ ބަންޑުން ޖަހާލައިފައެވެ. އޭގެ ތެރެއިން އެކަކު ފަތާފައި ގޮސް މާވާރަލަށް އަރާފައިވާ ކަމަށާއި އަނެކަކު ކަނޑުހުޅުދޫ ދޯންޏަކަށް އަރާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި ފަހުން ޑިންގީން ދަތުރުކުރި ތިންވަނަ މީހާވެސް ވަނީ ފެނިފައެވެ.