ޚަބަރު

ސްޓޫޑެންޓް ލޯނު ސްކީމާ ގުޅޭ ޝަކުވާތައް އެމްޑީޕީން ހަޔާރ އެޑިއުކޭޝަން މިނިސްޓަރާ ހިއްސާކޮށްފި

އަލީ އިހްސާން

ސްޓޫޑެންޓް ލޯނު ސްކީމާ ގުޅޭ ޝަކުވާތައް އެމްޑީޕީގެ ޕީޖީ ގުރޫޕުން ހަޔާރ އެޑިއުކޭޝަން މިނިސްޓަރާ ހިއްސާކޮށްފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ފަރާތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަންއާ ބައްދަލުކުރައްވައި ސްޓޫޑެންޓު ލޯނާ މެދު ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކޮށްފައިވާ ކަމަށެވެ.

އެގޮތުން މިރޭގެ ބައްދަލުކުރެއްވުމުގައި ލޯން ސްކީމަށް އެދި ހުށަހަޅާ ދަރިވަރުންގެ ތެރެއިން ޑިސްކޮލިފައިވާ ދަރިވަރުންނަށް މުއްދަތު ހަމަވުމުގެ ކުރިން އަންގަން ޖެހޭނެ ކަމަށާއި ޕޯޓަލްއަށް ދިމާވާ މައްސަލަތަކުގެ ސަބަބުން އެއްވެސް ދަރިވަރަކު ޑިސްކޮލިފައިވެގެންނުވާނެ ކަމަށް ދެންނެވުނު ކަމަށެވެ. އަދި ދަރިވަރުންނަށް ދެވޭ ލޯނު ސްކީމަކީ އިންކުލޫސިވް ލޯނު ސްކީމަކަށް ހެދުމަށް މަޝްވަރާ އެރުވުނުކަމަށްވެސް މީކާއިލް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

ސްޓޫޑެންޓް ލޯނު ސްކީމުގެ ގިނަ ޝަކުވާތަކެއް އާންމުން ދަނީ ކުރަމުންނެވެ. އެކަމާ ގުޅޭގޮތުން މިނިސްޓަރ ވިދާޅުވެފައިވަނީ މަތީ ތައުލީމަށް ސަރުކާރުން ދޭ ސްޓޫޑެންޓު ލޯނުން ގިނަ ފަރާތްތަކެއް ޑިސްކޮލިފައިވީ އާންމު ކުރި އުސޫލާ ހިލާފަށް އެޕްލިކޭޝަން ހުށަހަޅާފައިވާތީ ކަމަށެވެ.