އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ދަތުރުފުޅު ނިމުނުއިރު ދިވެހިރާއްޖޭގެ ތަރައްގީއަށް އެކަށީގެންވާ ހިއްސާއެއް ނުލިބި ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުން އިތުރަށް ދަރަނިވެރިވެފައިވާ ކަމަށް ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްއިން މިހެން ބުނެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރާއްޖެ ވަޑައިގެން ދިވެހި ސަރުކާރާއި އިންޑިއާގެ ސަރުކާރާ ދެމެދު ކުރެވުނު އެއްބަސްވުންތަކާ ގުޅޭ ގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އާމްދަނީ އިތުރުކޮށް ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައްދީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ގެންގުޅޭ ހަމައެކަނި ފޯމިއުލާއަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ މިންވަރަށް ވަކި ފަރާތަކަށް އިގްތިސާދީ ގޮތުން ބަރޯސާވުންކަމީ އެޕާޓީއިން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިސަރުކާރަށް ޒަމާނުގެ ވައްޓަފާޅީގައި ވިސްނުން ނޭނގޭ ކަމަށް ބަވަނަ ވެފައިވާ ދުނިޔޭގައި ދިވެހިރާއްޖެ އިގްތިސާދީ ގޮތުން މިނިވަންކޮށް އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުރާ މަސައްކަތުގައި އިސްނަގައި ކާމިޔާބުކުރުމުގެ ގާބިލުކަން މިސަރުކާރުގައި ނެތް ކަމަށް ޕީޕީއެމް އިން ބުނެފައިވެއެވެ.
ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ގާއިމުކުރަން އެއްބަސްވެވުނު ފެރީގެ ހިދުމަތުގެ އެއްބަސްވުމަކީ އެއްވެސް ކަހަލަ ދިރާސާއެއް ނުކޮށް، އެފަދަ މުވާސަލާތެއްގެ ބޭނުންކުރާނީ ދިވެހިންގެ ނިސްބަތުން ކިތައް މީހުންތޯ އަދި އިންޑިޔާގެ ނިސްބަތުން ކިތައް މީހުންތޯއާއި، އެކަމުގެ ސަބަބުން ލިބޭނީ ކިހާ އިގްތިސޯދީ ފައިދާއެއްތޯ އަދި ނުކުންނާނީ ކިހާ އިޖްތިމާއީ ގެއްލުމެއްތޯ ނުބަލައި ކުރެވުނު އެއްބަސްވުމެއްކަން ފާހަގަކުރާ ކަމަށެވެ. އަދި އެ އެއްބަސްވުމަކީ މިޒަމާނުގެ ސިނާއީ ތަރައްގީގެ ވިސްނުންތަކާ ދުރު، ހިއުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުވިޔަފާރިއާއި، ޑްރަގްސް އާއި އަދި ރާއްޖޭގައި އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ރާއްޖޭގައި އާބާދު ކުރަން ބޭނުންނުވާނޭ ފަދަ އާބާދީއަކަށް ހުޅުވާލެވޭ ދޮރެއްކަން ކަންބޮޑުވުމާއެކު ފާހަގަކުރާ ކަމަށެވެ.
މީގެ އިތުރުން މިބަޔާނުގައި ބުނެފައިވަނީ، ހައިޑްރޮގްރެފީ ނުވަތަ ދިވެހިރާއްޖޭގެ ކަނޑުތަކުގެ ސާވޭ ކުރުމަށް އިންޑިއާ ސަރުކާރުން އެހީ ހޯދުމާ ބެހޭ އެއްބަސްވުމަކީ ދިވެހިރާއްޖޭގެ އެންމެ ހައްސާސް އަދި އެންމެ ރައްކާތެރިކަމާއެކު ބަލަހައްޓަންޖެހޭ ޓެރިޓޯރިއަލް މައުލޫމާތުތައް ގައުމާ ހިއްސާ ކުރެވޭގޮތަށް ކޮށްފައިވާ އެއްބަސްވުމެއްކަން ފާހަގަ ކުރާ ކަމަށް އެ ޕާޓީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ. ހަމައެފަދައިން ދިވެހިރާއްޖޭގައި ގާއިމުކުރެވިފައިވާ ރާޑަރު ސިސްޓަމް ބެލެހެއްޓުމަކީވެސް ހަމައެކަނި ދިވެހި ސިފައިގެން ބާރުގެ ތެރޭގައި އޮންނާނޭ ކަމެއްކަން ޔަގީންކޮށް ދިވެހި ސިފައިންނަކީ އެފަދަ ގާބިލުކަން ހުރި ބައެއްކަމަށްވާއިރު އެނޫންގޮތަކަށް އެކަން ހަމަނުޖެއްސުމަށް ދިވެހި ސަރުކާރަަށް ޕީޕީއެމް އިން ނެރުނު ބަޔާނުގައިވަނީ ގޮވާލައިފައެވެ.