މިސަރުކާރަކީ ދިވެހި ސަގާފަތާއި ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް އިސްކަންދޭ ސަރުކާރެއް ކަމަށް މިނިސްޓަރ އޮފް އާޓްސް އެންޑް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޔުމްނާ މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ގައުމީ އަރުޝީފުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖްގައެވެ. އެކަމަނާ ވިދާޅުވީ، މިސަރުކާރަކީ ދިވެހި ސަގާފަތާއި ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް އިސްކަންދޭ ސަރުކާރެއް ކަމަށާއި، އަދި އެކަމަށް ހާއްސަ ވުޒާރާއެއް ގާއިމު ކުރެއްވި ސަރުކާރަކަށްވާތީ، ދިވެހިރާއްޖޭގެ ގައުމީ އަރުޝީފު ފުރިހަމައަށް ގާއިމު ކުރުމަށް ވަރަށްބޮޑަށް މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
މިނިސްޓަރ ޔުމްނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ގައުމީ އަރުޝީފު، އެކަށޭނެ ގޮތުގައި ގާއިމުވެ ފުރިހަމަ ވުމަކީ މުޅި ގައުމަށް އަދި އަންނަން އޮތް ޖީލުތަކަށް ނުހަނު ބޭނުންތެރި އެހާމެ ފައިދާ ކުރާނެ ކަމެއް ކަމަށެވެ. ދިވެހި ގައުމުގެ އެންމެހާ ކަންކަން އަންނަން އޮތް ޖީލުތަކަށް ފުރިހަމައަށް ވާސިލުވާނީ، ދިވެހި ގައުމުގެ ފަތްފުއްތަކާއި ފުރޭފުތަކާއި ލިޔެކިޔުންތަކާއި ރިކޯޑުތައް ރަނގަޅަށް ރައްކާތެރިކޮށް ބެލެހެއްޓިގެން ކަމަށެވެ.
މިނިސްޓަރ ޔުމްނާ ވިދާޅުވީ، ރާއްޖޭގައި އަރުޝީފު ކުރުމުގެ މަސައްކަތްތައް މީގެ އެތައްސަތޭކަ އަހަރެއް ކުރީއްސުރެ ކުރެވިފައިވާކަން އެއީ ތާރީހީގޮތުން ސާބިތުވާ ކަމަށާއި، 12 ވަނަ ގަރުނުން ފެށިގެން ހުރި ލޯމާފާނުތަކަކީ މިކަމުގެ ސާބިތު ހެކިތަކެއް ކަމަށެވެ. ފަހުގެ ތާރީހުގެ އަރުޝީފުގެ މަސައްކަތްތަކަށް ބަލާއިރު، ދުވަހުން ދުވަހަށް ގައުމުގެ ކަންކަން ލިޔެ އަރުޝީފު ކުރަން ފެށުނީ 1942 ޖެނުއަރީ 12ގައި ވުޒާރަތުލް ދާޚިލިއްޔާގައި ކަމަށެވެ. އަދި 1945ގައި ހުޅުވުނު ކުތުބުހާނާއާއި، 1952ގައި ހުޅުވުނު ދާރުލްއާސާރަކީވެސް އަރުޝީފުގެ މަސައްކަތްތައް ކުރެވިފައިވާ ތަންތަން ކަމަށާއި 1968ގައި އުފެދުނު ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގއާއި، 1979ގައި އުފެދުނު ދިވެހި ތާރީހާ ސަގާފަތަށް ހިދުމަތްކުރާ ގައުމީ މަޖިލީހާއި، 1982ގައި އުފެދުނު ދިވެހިބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒަކީ އަރުޝީފު ކުރުމުގެ މަސައްކަތް ގައުމީ ގޮތުން ކުރެވުނު މުއައްސަސާތަކެއް ކަމަށެޗެ. އަދި 2003ގައި އުފެދުނު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު އަރުޝީފުގެ މަސައްކަތް ކުރެވޭ މުއައްސަސާއެއް ކަން ފާހަގަކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
9 ޖޫން އަކީ 2007 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ އަރުޝީފު ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މަގްސަދަކީ އަރުޝީފުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އެންމެން ހޭލުންތެރި ކުރުމެވެ. މި ދުވަސް ފާހަގަކުރުމުގައި ބާރުއަޅާފައިވަނީ އަރުޝީފުތައް ފަރުމާކުރެވެން ވާނީ ރައްޔިތުންނަށް ލާބަޔާ މަންފާ ލިބެނިވި ހިދުމަތްތަކެއް ދެވޭނެ ގޮތްތަކެއްގެ މައްޗަށެވެ.