ޚަބަރު

ކްލެމެންސީ ބޯޑާއި، މީހުން ޓްރެފިކް ކުރާ ކަންތައް ބަލާ ކޮމިޓީއަށް މެންބަރުން ހޮވުމަށް އެޖެންޑާކޮށްފި

އިބްރާހިމް ޒަކީ

ކްލެމެންސީ ބޯޑަށް މަޖިލީހުގެ މެންބަރަކު ހޮއްވެވުމަށާއި، މީހުން ޓްރެފިކް ކުރާ ކަންތައް ބަލާ ކޮމިޓީއަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު، ހޮވުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއާބެހޭގޮތުން ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ ވިދާޅުވީ، މައާފް ދިނުމާއި އަދަބު ލުއި ކޮށްދިނުމުގެ ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކްލެމެންސީ ބޯޑަށް ހޮވަން މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އެ ބޯޑުގައި އިންނެވީ އޭރުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް އެވެ.

ނިއުޝާ ވިދާޅުވީ، މީހުން ޓްރެފިލް ކުރުމުގެ ގާނޫނުގެ ދަށުން، ޓްރެފިކް ކުރުމާބެހޭ ކަންކަން ވިލަރެސްކުރާ ކޮމިޓީ އަށް މަޖިލިސް މެންބަރަކު ކަނޑައެޅުމަށްވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި މަޖިިލިސް މެންބަރެއްްގެ ގޮތުގައި އެ ކޮމިޓީގައި އިންނެވީ، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ރަޝީދެވެ.

މާދަމާގެ ޖަލްސާގަިއ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ، އިތުރު ކަންތައްތަކުގެ ތެރޭގައި، މިދިޔަ ހަފްތާގައި މަޖިލީހުގައި، ފުރަތަމަ ކިއުން އިއްވެވި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ގާނޫނީ ފަންނުގެބިލްގެ އިބުތިދާއީ ބަހުސް ކުރިއަށް ގެންދިއުން ހިމެނެއެވެ.

ނިއުޝާ ވިދާޅުވީ، 19 ވަނަ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް ހޮވި ވަގުތީ ކޮމިިޓީގެ ރިޕޯޓް ނިމިއްޖެނަމަ އެ ރިޕޯޓް ހުށަހެޅުމަށްވެސް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރައްވާނެކަމަށެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި ނުނިމި ހުރި މަސައްކަތްތަކުގެ ތެރެއިން، ރައީސް ތަސްދީގު ނުކުރައްވައި އަލުން ވިސްނެވުމަށް މަޖިލީހަށް ފޮނުއްވި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ރައީސުލް ޖުމްހޫރިއްޔާގެ ނައިބުކަން ކުރައްވާފައިވާ ފަރާތަކަށް އިނާޔަތްތައް ކަނޑައެޅުުގެ ބިލުގެ ބަހުސްވެސް މާދަމާ ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ނިއުޝާ ވިދާޅުވީ، ރާއްޖޭގެ ޖަލުތަކުގެ އޮޑިޓް އިރޯޓަށް ބަހުސް ކުރުމަށްވެސް މާދަމާ އެޖެންޑާކުރާނެ ކަމަށެވެ.