އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާގޮތަށް ސިޔާސީ ޕާޓީތަކަށް 2019 ވަނަ އަހަރުގެ ބަޖެޓުން ދޭން ޖެހޭ ފައިސާ ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ބުނީ، އިލެކްޝަންސް ކޮމިޝަނުން އެ މިނިސްޓްރީއަށް ފޮނުވާފައިވާގޮތަށް، އެމްޑީޕީއަށް 12،749،191.09 ރުފިޔާ، ޖުމްހޫރީ ޕާޓީއަށް 2،059،960.36 ރުފިޔާ އަދި އެމްޑީއޭ އަށް 2،031،754.50 ރުފިޔާ، ޕާޓީތަކަށް ދިނުމަށް އީސީން އެންގުމުން ހަތް ދުވަހުގެ ތެރޭގައި އެ ޕާޓީތަކުގެ އެކައުންޓަށް ފައިސާ ޖަމާކޮށްދީފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ފައިސާ ދޫކުމަށް އިނޭންސް މިނިސްޓްރީއަށް އަންގާފައިވަނީ، މި އަހަރުގެ ދައުލަތުގެ ބަޖެޓުން ފައިސާ ލިބެން ޖެހޭ ހަތަރު ޕާޓީގެ ތެރެއިން ޕީޕީއެމް ފިޔަވައި އަނެއް ތިން ޕާޓީއަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން މި އަހަރު 26.2 މިލިއަން ރުފިޔާ ބަހަން ވަނީ ކަނޑައަޅައިފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، މިއަހަރުގެ ބަޖެޓުން ޕީޕީއެމަށް ފައިސާ ދިނުން މަޑުޖައްސައިލީ، އެ ޕާޓީގެ އަހަރީ ރިޕޯޓު އަލުން އިސްލާހުކޮށް ހުށަހަޅަން އަންގާފައިވާތީ ކަމަށެވެ. އެހެންވެ ޕީޕީއެމުން ރިޕޯޓު ހުށަހެޅިހާ އަވަހަކަށް ފައިސާ ދޫކުރަން ފިނޭންސަށް ފޮނުވާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
މިދިއަ އަހަރު ޕީޕީއެމަށް ލިބެން ޖެހޭ ފައިސާ ވެސް، ތަފާތު ސަބަބުތަކާ ހެދި، އީސީން ހިފެހެއްޓި އެވެ. ނަމަވެސް ފަހުން އެފައިސާ ވަނީ ޕީޕީއެމަށް ދޫކޮށްފައެވެ.