މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ ކާރުކޮޅު ސައިކަލެއްގައި ޖެހި މިއަދު އެކްސިޑެންޓް ވެއްޖެއެވެ.
ޝަހީދު އަލީ ހިނގުމާ ދިމާލުން މަޖީދީމަގުގައި ހިނގި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއްނުވެއެވެ.
މި އެކްސިޑެންޓް ހިނގިއިރު މޭޔާރު ކާރުގައި ވަޑައިގެންނެތެވެ.
މި އެކްސިޑެންޓާބެހޭ މައުލޫމާތު ދެމުން ފުލުހުން ބުނީ، މަޖީދީމަގާއި ޝަހީދުއަލީ ހިނގުން ގުޅޭ ކަންމަތިން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލަކާއި، ހުޅނަގުން އިރަށް ދުއްވާފައިދިޔަ ކާރެއްޖެހި އެކްސިޑެންޓްވިކަމުގެ ރިޕޯޓެއް މިއަދު 11:50 ގައި ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާނުވި ނަމަވެސް ދެ ވެހިކަލަށް ވަނީ ގެއްލުން ލިބިފައެވެ.
އޭގެ ތެރެއިން ސައިކަލްގެ ހުންގާނު ހަލާކު ވުމުގެ އިތުރުން ކާރުގެ ބަފަރު ވަނީ ނައްޓައިގެންގޮސްފައެވެ.
ފުލުހުން ބުނީ މި ދެ ވެހިކަލް ދުއްވަންތިބި މީހުންގެ އަތުގައިވެސް ލައިސަންސް އޮތް ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަަމަށެވެ.