ޚަބަރު

އަންހެނަކަށް މަގުމަތިން ފުރައްސާރަ ކުރި މީހެއްގެ މައްސަލަ ފުލުހުން ބަލަންފަށައިފި

މަރިޔަމް ޝަހުދާ

އަންހެނަކަށް މަގުމަތިން ފުރައްސާރަ ކުރި މީހެއްގެ މައްސަލަ ފުލުހުން ބަލަންފަށައިފި އެވެ.

ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ދައުރުވާންފެށި، އަންހެންކުއްޖަކު ޝެއާކޮށްފައިވާ ވީޑިއޯގައި ވާ ފިރިހެން މީހާގެ މައްސަލަ ބަލާނެކަމަށް ބުނެފައި ވަނީ ފުލުހުންގެ ސްޕޯކްޕާސަން އިޒްމިއާ ޒާހިރު މި ޕޯސްޓަށް ޓުވީޓެއް މެދުވެރިކޮށް ޖަވާބު ދެއްވަމުންނެވެ.

ފޭސްބުކް އަދި ޓުވިޓަގައި ވެސް ހަލުވިކަމާއެކު ދައުރުވަމުން އަންނަ މި ވީޑިއޯގައިވާ ފިރިހެން މީހާއާގުޅޭ ގޮތުން އެކި ވާހަކަތައް މިހާރުވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރު ވަމުންނެވެ. އަދި މި މީހާގެ މައުލޫމާތުތައްވެސް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އާންމު ކުރަމުންނެވެ.

ގިނަ ބަޔަކު މި މީހާއާ މެދު ފިޔަވަޅު އެޅުމަށް އަންނަނީ ކަމާބެހޭ އިދާރާތަކަށް ގޮވާލަމުންނެވެ.

މަގުމަތިން އަންހެނުންނަށް ފުރައްސާރަ ކުރާ މިންވަރު ރާއްޖޭގައި ގިނަ ނަމަވެސް މިކަމާމެދު ކަމާބެހޭ އިދާރާތަކުން އެކަށީގެންވާ ފިޔަވަޅުއަޅަމުން ނުދާ ކަމަަށްބުވެ އެތައް ބަޔަކު ސޯޝަލް މީޑިއާގައި ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.