ޖެންޑާރ މިނިސްޓަރީއިން އެކުލަވާލާފައިވާ އިންޓަރވެންޝަން ކޮމިޓީ (އިޖުތިމާއީ ރައްކާތެރިކަން ކަށަވަރު ކުރާ ކޮމިޓީ) އިން އެހީތެރިކަން ބޭނުންވާ 20 ފަރާތެއްގެ ހާލަތު ދެނެގަނެ އެހީތެރިކަން ފޯރިކޮށްދީފި އެވެ.
ވިހި މީހަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިން ކަމަށް ހާމަކޮށްފައިވަނީ، މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާވިސް ޝިދާތާ ޝަރީފް ބާޒާރުމަތީ ސަރަހައްދުގައިތިބޭ ސަލާން ޖަހާމީހުންނާ ބައްދަލުކޮށް އެ ފަރާތްތަކުގެ ހާލަތު އޮޅުންފިލުވުމަށްފަހު ނެރުއްވި ނޫސް ބަޔާނެއްގައެވެ.
މި ބަޔާނުގައި ޖެންޑަރ މިނިސްޓަރީން ބުނެފައިވަނީ ބާޒާރު މަތީ ސަރަހައްދުން ބައްދަލު ކުރި މީހުންގެ ފަރާތުން އެމީހުންނަށް ވަޒީފަ ނެތުން ނުވަތަ ނުލިބުމުގެ މައްސަލަ، ފާހަގަ ކުރެވުނު ކަމަށާއި، ނުކުޅެދުންތެރިކަން ހުރުން ނުވަތަ ބޭސްފަރުވާ ކުރުމަށް މާލީ ގޮތުން ނުކުޅެދުމުގެ މައްސަލަ، އަދި ބޯހިޔާވަހި ކަމުގައި ދަތިތަކެއް ހުރުމުގެ މައްސަލަވެސް ފާހަގަ ކުރެވުނު ކަމަށެވެ.
ދައުލަތުގެ ހިމާޔަތާއި ރައްކާތެރިކަން ބޭނުންވާ މީހުންނަށާއި އާއިލާ ތަކަށް އިޖުތިމާއީ ރައްކަތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން މިނިސްޓަރ ޝިދާތާ އެކުލަވާލެއްވި، އިންޓަވެންޝަން ކޮމިޓީ އިން އަންނަނީ މި ފަދަ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމްގެ ތެރެއިން އެލަވަންސް ލިބުމަށް ޝަރުތު ހަމަވިނަމަވެސް އެފަދަ އެލަވަންސެއް ލިބެމުން ނުދާ ފަރާތްތަކަށް މައުލޫމަތު ފޯރުކޮށްދީ އެލަވަންސް ލިބޭނެ މަގު ފަހިކޮށްދެއްވާފައިވާކަމަށް ޖެންޑަރ އިން މައުލޫމާތު ދިނެވެ. އަދި އައިޑީކާޑު ފަދަ މުހިއްމު ލިޔެކިއުންތައް ނެތް މީހުންނަށް އެފަދަ ލިޔެކިއުންތައް ހޯދައިދިނުމުގައި ޖެންޑަރ އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، މަލީ ގޮތުން ތަނަވަސްކަން ލިބިފައި ނެތުމުން ބޭސްފަރުވާގެ ކަންކަން ނުކުރެވި ތިބި ބައެއް މީހުންނަށް ސިިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މުއައްސަސާތަކުގެ އިތުރުން އެކި މަރުކަޒުތަކާއި އެ އެހީއަށް ބޭނުންވާ ފަރާތްތަކާއި މިނިސްޓްރީން ވަނީ ގުޅުވާފައެވެ. އަދި ވަޒީފާ ހޯދުމަށް ބޭނުންވެ އެކަމަށް އެދިފައިވާ 3 ފަރާތަކަށް ވަޒީފާ ދޭނެ ފަރާތްކާއި ގުޅުވާފައިވާކަމަށް މިނިސްޓަރީއިން މައުލޫމާތު ދެއެވެ. މީގެ އިތުރުން އެއް ފަރާތަކަށް ވަޒީފާ ހަމަޖައްސައި ދިން ކަމަށާއި ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކާއި އެކު ވަޒީފަގެ ފުރުސަތު ހޯދުމަށް މަޝަވަރާ ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
މިނިސްޓްރީގެ މި ބަޔާނުގައި އާއިލީ މައްސަލަތަކުގެ ސަބަބުން މަގުމަތިވެފައިވާ ފަރާތްތަކުގެ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވަނީ ބުނެފައެވެ. އަދި މިނިސްޓަރީއަށް ފާހަގަވެފައިވާ 20 މައްސަލަތަކުގެ ތެރެއިން 2 މައްސަލައެއްގައި ކަންބޮޑުވާންޖެހޭ ކަންކަން ހުރުމުން ކަމާ ބެހޭ އިދާރާތަކާއި ގުޅިގެން މައްސަލަ ބަލަމުން އަންނަ ކަމަށް ޖެންޑާއިން ބުނެފައިވެއެވެ.