ފިނޭންސް މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ 5 މަސް ދުވަހު ދިވެހި ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ހަރަދުތައް އިތުރުވެފައިވާ ކަމަށް ދައްކައިފިއެވެ.
މިއަހަރު މޭމަހުގެ ނިޔަލަށް ކުރިއަށް ގޮސްފައިވާ ދައުލަތުގެ ހަރަދާއި އާމްދަނީގެ ތަފާސް ހިސާބުން ދައްކާ ގޮތުގައި، އެ މުއްދަތުގައި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 9.08 ބިލިއަން ރުފިޔާއެވެ. ނަމަވެސް އެ މުއްދަތުގައި ދައުލަތުން ހިނގި ޚަރަދު 9.75 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ.
މިއީ ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ހަ ސަތޭކަ ހަތްދިހަ ދޭއް ޕޮއިންޓް ދޭއް މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ތަފާސް ހިސާބުން ދައްކާ ގޮތުގައި، އެމުއްދަތުގައި އެންމެ ބޮޑު ހަރަދެއްކޮށްފައިވަނީ ދައުލަތުގެ ހިންގުމުގެ ހަރަދަށެވެ.
އެ މުއްދަތުގައި ދައުލަތް ހިންގުމަށް ވަނީ 7.5 ބިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް 2.2 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ.
ތަފާސް ހިސާބުން ދައްކާ ގޮތުގައި، ދައުލަތް ހިންގުމަށް 7.5 ބިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، އޭގެ ތެރެއިން 4 ބިލިއަނެއްހާ ރުފިޔާވަނީ ދައުލަތުގެ މުވައްޒަފުންނަށް މުސާރައާއި އިނާޔަތްދިނުމަށް ވަނީ ހަރަދު ކޮށްފައެވެ. އިދާރީ ހިންގުމަށް ހަރަދު ކޮށްފައިވަނީ 3.1 ބިލިއަން ރުފިޔާއެވެ.
ފުރަތަމަ 5 މަސް ދުވަހު ދައުލަތަށް ލިބުނު އާމްދަނީގެ ތެރޭން 6.9 ބިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.