އިބްރާހިމް ޒަކީ
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ބައެއް ހިސާބުތަކަށް ވައި ގަދަވެ، ގަޑިއަކު 55 މޭލާއި 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލު ވުމަށް މޫސުމާބެހޭ ގައުމީ އިދާރާއިިން އިލްތިމާސް ކޮށްފިއެވެ.
މޯލްޑިވްސް ނެޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އޮފީހުން މިއަދު ބުނީ، ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާއިރު، އުތުރުގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރާ، ބޯކޮށްވާރޭ ވެހުން އެކަށީގެން ވާކަމަށެވެ.
މެދުތެރޭގެވެސް ބައެއް އަތޮޅުތަކަށް ވިއްސާރު ކުރޮށް. ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
ދެކުނާއި ހުޅަނގުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހުނު ނަމަވެސް އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ދޭތެރެ ދޭތެރެއިން ގަޑިިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނަކަށްް ވައި ގަދަވެގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާދައިގެ ވަރަކަށް ގަދަ ވާނެ. އުތުރާއި މެދުތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެ.
އުތުރާއި މެދުތެރޭގެ ސަރަޙައްދު ތަކަށް ވައި ގަދަ ވުމާއި ގުޅިގެން ރާޅުގެ އުސްމިން 3 ފޫޓާއި 6 ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭތީވެ، އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީވެސް އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.