ޚަބަރު

ރާއްޖެއިން ލިބުނު ލޯތްބާއި، ދިވެހިން ބެހެއްޓެވި ގާތްކަމަށް ޝުކުރުވެރިވަން: މޯދީ

މަރިޔަމް ޝަހުދާ

1

ރާއްޖެއިން ލިބުނު ލޯތްބާއި، ދިވެހިން ބެހެއްޓެވި ގާތްކަމަށް ޝުކުރުވެރިވާކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

މޯދީ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަތުމަށްފަހު ކުރެއްވި ޓުވީޓެއްގައެވެ.

މޯދީ ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މޯދީގެ ޓުވީޓުގައި، އެމަނިކުފާނު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ދިވެހިން ދެއްވި ފުރިހަމަ މެހެމާންދަރީއަށާއި ދިވެހިރައްޔިތުން، އަދި ދިވެހި ސަރުކާރަށް މޯދީ ވަނީ ޝުކުރު ދަންނަވައިފައެވެ.

މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރުގެ މަގާމަށް މޯދީ ދެވަނަ ދައުރަކަށް އިންތިހާބުވުމަށްފަހު ބޭރު ގައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ނިންމަވަލުމަށްފަހު މޯދީ ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަވަށްޓެރި ލަންކާއަށެވެ.

ރާއްޖެއަށް މޯދީ ކުރެއްވި ދަތުރުފުޅުގައި ރައީސް ސޯލިހު ވަނީ މޯދީއަށް ދިވެހި ސަރުކާރުން ބޭރުގެ އިއްޒަތެރިންނަށް އަރުވާ އެންމެ މަތީ ޝަރަފު ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު އަރުވާފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ކުރިއަށް ދިޔަ ހާއްސަ ޖަލްސާއެއްގައި މޯދީވަނީ ތަގުރީރު ކުރައްވާފައެވެ.

މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން މޯދީ ވަނީ ދެގައުމު ދެމެދު ތަފާތު ހަ އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟