ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެވަޑައިގެން އުޅުއްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، މިރޭ ފުރަމާނަ ޖާފަތެއް ދެއްވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ މި ފުރަމާނަ ޖާފަތް އޮތީ މިރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައި ކަމަށެވެ.
މިރޭގެ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި އިންޑިއާގެ ގުޅުމުގެ ދިގު މާޒީއަށް ބައްލަވައިލައްވައި ވާހަކަފުޅު ދައްކަވައިފައެވެ.
އަދި ދެގައުމުގެ ސިއްހީ ދާއިރާއާއި ފަތުރުވެރިކަމުގެ ދާއިރާއާއި ތައުލީމީ ދާއިރާފަދަ އެތައް ދާއިރާއަކުން ގުޅިލާމެހިފައިވާކަން ފާހަގަކުރައްވައި އިންޑިއާއަކީ މިހާރު ވިޔަފާރީގައި ރާއްޖޭގެ އެންމެބޮޑު އެއް ބައިވެރިޔާ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އިންޑިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި، ދެގައުމުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަތައް މިއަދު ވަނީ ބާއްވަވާފައެވެ.
މީގެއިތުރުން ބޮޑުވަޒީރުގެ ދަތުރުފުޅާއި ގުޅިގެން ދެ ގައުމުގެ ސަރުކާރުގެ، ގުޅިފައިވާ ރަސްމީ ބަޔާނެއް ވެސް، އިންޑިއާގެ ބޮޑުވަޒީރާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެއްވާފައި ވެއެވެ.
އިންޑިއާގެ ބޮޑު ވަޒީރުގެ މި ދަތުރުފުޅުގައި އެމަނިކުފާނަށް ދިވެހި ސަރުކާރުން ވަނީ "ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ)"ގެ ޝަރަފު އަރުވާފައެވެ.
ކުރުނބާ ވިލެޖް ރިޒޯޓުގައި މިރޭ ބޭއްވެވި މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާއި އެމަނިކުފާނުގެ އަނބިކަނބަލުން އާއިޝަތު ޝަމްސަދާ ބައިވެރިވެ ވަޑައިގެންނެވިއެވެ.
މީގެ އިތުރުން މި ޖާފަތުގައި ދައުލަތުގެ ވަޒީރުންނާއި، ރާއްޖެއާ އިންޑިއާ ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.