މޯލްޑިވްސް ކަސްޓަމްސް ސާވިސް

އިންޑިއާ އާއެކު ވި އެއްބަސްވުމުގެ ސަބަބުން މުވައްޒަފުންގެ ގާބިލްކަން އިތުރުވާނެ: ކަސްޓަމްސް

ޝަހީދާ އަބްދުﷲ ސައީދު

މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުން ތަމްރީނުކުރުމަށް ރާއްޖެއިން އިންޑިއާ އާއެކު އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ސަބަބުން މުވައްޒަފުންގެ ގާބިލުކަން އިތުރުވެގެންދާނެކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފިއެވެ.

ކަސްޓަމްސް އިން ބުނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި، ކަސްޓަމްގެ ދާއިރާއިން ގާބިލުކަން އިތުރުކުރުމުގެ އެއްބަސްވުމުގެ ދަށުން ދުނިޔޭގެ ކަސްޓަމްސް ޖަމްއިއްޔާގެ ސަރަހައްދީ ތަމްރީނު މަރުކަޒެއްކަމަށްވާ އިންޑިއާގެ ނެޝަނަލް އެކަޑަމީ އޮފް ކަސްޓަމްސް، އިންޑައިރެކްޓް ޓެކްސެސް އެންޑް ނާކޮޓިކްސްއާ ގުޅިގެން ކަސްޓަމްސް ދާއިރާއިން ގާބިލުކަން އިތުރުކުރުމަށް، ޓްރޭޑް ފެސިލިޓޭޝަން، ސަޕްލައިޗެއިން ސެކިއުރިޓީ، އަދި ބައިނަލްއަގްވާމީ މިންގަނޑުތަކާއި މުއާހަދާތައް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާކަމަށެވެ.

އަދި މިއެއްބަސްވުމުގެ ސަބަބުން އެދާއިރާތަކުން ދިރާސާ ހެދުމާއި ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި މުވައްޒަފުން ބިނާކުރުމުގެ އެންމެހާ ކަންކަން ތަންފީޒު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ކަސްޓަމުން ބުނި ގޮތުގައި ކަސްޓަމްސްއަކީ ގައުމުގެ އިގުތިސޯދީ ދޮރާށި ބެލެހެއްޓުމުގެ ގާނޫނީ ޒިންމާ އަދާކުރާ މުއައްސަސާކަމަށްވާތީ، ބައިނަލްއަގްވާމީ ބަނދަރުތައް ބެލެހެއްޓުމާއި މަސްތުވާތަކެއްޗާއި ރާއްޖެއަށް އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވުމަށާއި ދައުލަތުގެ އާމްދަނީ ހިމާޔަތްކުރުމާއި މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ތަމްރީނާއި ގާބިލުކަން މުވައްޒަފުންގެ ކިބައިގައި ހުރުމަކީ ވަރަށް މުހިންމު ކަމަކަށް ވީހިނދު، މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ސަބަބުން މިކަންކަން ހާސިލު ކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ އެވެ.

މިއެއްބަސްވުން ބަދަލުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް އަހުމަދު ނުއުމާނެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން އެއްބަސްވުން ބަދަލުކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރު ސްރީ ސަންޖޭ ސުދީރެވެ.