ޚަބަރު

ނައިބު ރައީސް، މޯދީއާ ބައްދަލު ކުރައްވައިފި

އަލީ އިހްސާން

ނައިބު ރައީސް ފައިސަލް ނަސީމް، އިންޑިއާގެ ބޮޑިވަޒީރު ނަރެންދްރަ މޯދީއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލު ކުރެއްވުން އޮތީ މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލު ކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ނަސީމްވަނީ މޯދީ ދެވަނަ ދައުރަކަށް އިންތިހާބު ވެވަޑައިގެންނެވުމުން އެކަމަށް މަރުހަބާ ދަންނަވާފައެވެ. ނައިބު ރައީސް ވިދާޅުވީ މޯދީ އިންޑިޔާގެ އިންތިހާބު ކާމިޔާބު ކުރެއްވުމަކީ އިންޑިއާގެ ރައްޔިތުން އެމަނިކުފާނަށާއި އެމަނިކުފާނުގެ ނިސްބަތްވެވަޑައިގަންނަވާ ޕާޓީކަމުގައިވާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް ކުރާ އިތުބާރާއި ޔަގީންކަމުގެ ހެއްކެއްކަމަށެވެ.

މިބައްދަލު ކުރެއްވުމުގައި ނައިބް ރައީސް ފައިސަލް ނަސީމްއާއި މޯދީ ވަނީ ދެގައުމުގެ ދެމެދުގައި އާ ދާއިރާތަކުން ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އިންޑިއާ ސަރުކާރުން، އިންޑިއާ ކަނޑުގެ ސަރަހައްދުތަކުގައި އާމާންކަން ގާއިމު ކުރުމަށްޓަކައި އަދާ ކުރަމުންގެންދާ މުހިންމު ރޯލު ނައިބު ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ނައިބް ރައީސްވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކެނޑިނޭޅި ދެމުން ގެންދާ އެހީތަކަށް ޝުކުރު އަދާ ކުރައްވާފައެވެ. މީގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމްއާއި މޯދީ ވަނީ އިންޑިއާ ސަރުކާރާއި ރާއްޖޭގެ ސަރުކާރުން ގާތްގުުޅުން ގާއިމު ކުރައްވަން ވައުދުވެވަޑައިގެންފައެވެ.