ޚަބަރު

މާލީ ހާލަތު ދަށްވުމުގެ ސަބަބުން ޗެނަލް 13 އިން ގިނަ މުވައްޒަފުންތަކެއް ވަކިކޮށްފި

2

ކުންފުނީގެ މާލީ ހާލަތު ދައްވުމުގެ ސަބަބުން ޗެނަލް 13 ގެ އޮނިގަނޑަށް ބަދަލު ތަކެއް ގެންނަން ޖެހިފައިވާ ކަމަށް ބުނެ އެ ސްޓޭޝަންގެ ގިނަ އަދަދެއްގެ މުވްޒަފުން ވަޒީފާއިން ވަކިކޮށްފި އެވެ.

"ވަން އޮންލައިން" އަށް ވަނީ ޗެނަލް 13 އިން ވަކި ކުރި މުވައްޒަފަކަށް އެ ސްޓޭޝަނުން ދީފައިވާ "ވަޒީފާއިން ވަކި ކުރި ޗިޓް" ގެ ކޮޕީއެއް ލިބިފަ އެވެ.

އެނގިފައިވާ ގޮތުގައި ޗެނަލް 13 އިން، 15 އާއި 25 އާ ދެމެދުގެ އަދަދަކަށް މުވައްޒަފުން މަދުކުރަން ވަނީ ނިންމައިފަ އެވެ. އެހެން ނަމަވެސް މި އަދަދު ކަށަވަރުވާ ގޮތެއް ވަނީ ނުވެފަ އެވެ. އަދި ވަޒީފާއިން ވަކިކުރި ކަމުގެ ލިޔުން މިހައިތަނަށް ހަވާލުކުރީ ކިތައް މުވައްޒަފުންނާ ކަމެއް ވެސް ކަށަވަރެއް ނުވެ އެވެ.

ވަން އަށް ކޮޕީ ލިބިފައިވާ ލިޔުމުގައިވާ ގޮތުން މުވައްޒަފުން ވަކި ކުރަނީ ކުންފުނި ރީސްޓްރަކްޗަރ ކުރުމަށް ބޯޑުން ނިންމުމާ ގުޅިގެނެވެ.

"ކުންފުނީގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ކުންފުނި ރީސްޓްރަކްޗަރ ކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމެވުމާ ގުޅިގެން، އަލަށް އެކުލަވައިލެވުނު ކުންފުނީގެ އިދާރީ އޮނިގަނޑުގައި (މުވައްޒަފުގެ ނަން) އަދާ ކުރަމުން ދިޔަ މަގާމުގެ އަދަދު މަދުކުރުމާ ގުޅިގެން ވަޒީފާއިން ވަކިކުރެވިފައި." ޗެނަލް 13 ގެ އެކްޓިން ސީއީއޯ އަދި ފެނަކައިގެ އެމްޑީކަން ވެސް ކުރައްވާ މުހައްމަދު ލައްމާން ސޮއިކުރައްވައިފައިވާ ލިޔުމުގައިވެ އެވެ.

އެ ސިޓީގައިވާ ގޮތުން މިހިނގާ އޮކްޓޯބަރު މަހާ އެކު އިތުރު އެއްމަސް ދުވަހުގެ މުސާރަ އެ މުވައްޒަފަށް ލިބޭނެ އެވެ. އިއްޔެގެ ތާރީޚުގައި ވަޒީފާއިން ވަކިކުރި ލިޔުން ދީފައިވާ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައި ވަނީ ވެސް އިއްޔެއިން ފެށިގެންނެވެ.

ޗެނަލް 13 ގެ ވަޒީފާއިން ވަކިކުރި މުވައްޒަފުން ތެރެއިން މުވައްޒަފަކު ވަން އޮންލައިން އަށް މައުލޫމާދު ދެމުން ބުނީ އޭނާ އެތަނުގައި ވަޒީފާ އަދާކުރާތާ އެތައް އަހަރެއް ވެއްޖެ ކަމަށާއި ވަޒީފާއިން ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށެވެ.

"އަޅުގަނޑަށް ވެސް ލިބެން ޖެހޭނީ އެންމެ މަހެއްގެ މުސާރައެއް ނޫން. އަނެއްކާ މިތަނުން ޑިޕާޓްމެންޓު ތަކުގެ ހެޑުން ވެސް ވަރަށް ގިނައިން ވަކިކޮށްފި. އޭގެ ތެރޭގައި ތަން އުފެދުނީއްސުރެ ކަހަލަ ގޮތަކަށް އުޅުނު މުވައްޒަފުން ހިމެނޭ. އެ އެންމެނަށް ވެސް މި ދެނީ އެންމެ މަހެއްގެ މުސާރަ." ޗެނަލް 13 އިން ގެ ވަޒީފާއިން ވަކި ކުރި އެއް މުވައްޒަފަކު ބުންޏެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟