ޚަބަރު

ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅުނާޅައިފި ނަމަ އަންނަން އޮތް ޖީލު އަހަރެމެންނަށް މާފެއް ނުކުރާނެ: މޯދީ

މަރިޔަމް ޝަހުދާ

1

ޓެރަރިޒަމާ ދެކޮޅަށް މިއަދު ފިޔަވަޅުނާޅައިފި ނަމަ، އަންނަން އޮތް ޖީލު އަހަރެމެންނަށް މާފެއް ނުކުރާނެކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިރޭގެ ހާއްސަ ޖަލްސާގައި ތަގުރީރު ކުރައްވަމުން މޯދީ ވިދާޅުވީ ޓެރަރިޒަމަކީ އަދުގެ ޖީލަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މިއީ ވަކި ގައުމަކަށް ނުވަތަ ދީނަކަށް ހުރި ހުރަހެއް ނޫންކަމަށާއި މިއީ މުޅި ދުނިޔެއަށް ހުރި ގޮންޖެހުމެއްކަމަށް މޯދީ ވިދާޅުވިއެވެ.

ފާއިތުވާ ކޮންމެ ދުވަހަކީ ޓެރަރިޒަމްގެ ފިނޑި އަމަލުގެ ސަބަބުން ދުނިޔޭގެ ކޮންމެވެސް ހިސާބެއްގައި ކުށެއް ނެތް މީހަކު މަރުވާ ދުވަހެއް ކަމަށް މޯދީ ވިދާޅުވިއެވެ. އަދި ޓެރަރިސްޓުންނަނީ ބޭންކެއް، ކާރުހާނާއެއް ނުވަތަ އެފަދަ މަސައްކަތެއް ކުރާ ބަޔަކަށް ނުވާއިރު އެމީހުން އަތުން ހަތިޔަރާއި ރުފިޔާ ހުސްނުވާކަމީ އެކަމާ ސުވާލު އުފައްދަން ޖެހޭ ކަމެއްކަމަށް މޯދީ ވިދާޅުވިއެވެ.

މޯދީ ވިދާޅުވީ ''ސްޓޭޓް ސްޕޮންސާޝިޕް އޮފް ޓެރަރިޒަމް'' ނުވަތަ އެކި ދައުލަތްތަކުން ޓެރަރިޒަމަށް ހަރަދު ކުރާ މައްސަލަ އަކީ މި މައްސަލައިގައި ކުރިމަތިވާ އެންމެ ބޮޑު ނުރައްކާ ކަމަށެވެ. އަދި ބައެއް މީހުން ޓެރަރިސްޓުންވެސް ރަނގަޅު ޓެރަރިސްޓުންނާއި ނުބައި ޓެރަރިސްޓުންގެ ގޮތުގައި ވަކި ކުރާ ކަމީ ހިތާމަ ހުރި ކަމެއްކަމަށް މޯދީ ވިދާޅުވިއެވެ.

ޓެރަރިޒަމާއި ދެކޮޅަށް ރަނގަޅަށް މަސައްކަތް ކުރެވޭނީ ހުރިހާ އެންމެން އެކީ މަސައްކަތްކޮށްގެންކަން މޯދީ ފާހަގަ ކުރެއްވި އެވެ. އަދި ކްލައިމެޓް ޗޭންޖް (ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް) އާއި ގުޅެ އެކި ބައިނަލްއަގްވާމީ ކޮންފަރެންސްތައް އެކަން ހައްލުކުރުމުގެ ގޮތުން ބާއްވާއިރު، ޓެރަރިޒަމާއި ދެކޮޅަށް އެފަދަ ކޮންފަރެންސެއް ކުރިއަށް ނުގެންދެވެންވީ ސަބަބަކީ ކޮބާތޯ މޯދީ ސުވާލު އުފައްދާފައި ވެއެވެ.

މިއަދު މެންދުރު ފަހު މޯދީ ރާއްޖެ ވަޑަގަންނަވާފައިވާއިރު، މޯދީގެ މި ދަތުރުފުޅުގައި ރާއްޖެއާއެކު ވަނީ ތަފާތު ހަ އެއްބަސް ވުމެއްގައި ސޮއި ކުރައްވާފައެވެ. މާދަމާ ހެނދުނުގެ ވަގުތެއްގައި މޯދީ ލަންކާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟