ދެ ޤައުމުގެ ދެމެދުގައިވާ ދަތުރުފަތުރުކުރުމުގެ ނިޒާމު މިއަދު އޮތް ހިސާބަށްވުރެ ބޮޑަށް ވަރުގަދަ ކުރުމަކީ، ދެ ގައުމަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް އިންޑިޔާގެ ބޮޑުވަޒީރާއެކު އެއްބަސްވެ ވަޑައިގެންނެވުނުކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު މިއަދު ކުރިއަށް ގެންދިޔަ މަޝްވަރާތަކާބެހޭ މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި، ކޮޗީ އާއި ކުޅުދުއްފުށްޓާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ގާއިމުކުރުމާ ގުޅޭގޮތުން މިއަދު ސޮއިކުރި އެމްއޯޔޫގެ ސަބަބުން، ވިޔަފާރިއާއި، ފަތުރުވެރިކަމާއި، އަދި މުދަލާއި މީހުން އެކުލެވޭ މުޢާމަލާތްތަކުގައި، ދެ ގައުމުގެ ދެމެދުގައި ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.
އެހެންކަމުން އުންމީދަކީ އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ވީހާވެސް އަވަހަށް ފަށައިގަނެ ހިދުމަތް ލިބެން ފެށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައިވާ ރަޙްމަތްތެރިކަމުގެ ގުޅުމުގެ ދެގޮތެއްނުވާ ރަމްޒެއްގެ ގޮތުގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް ދެމިހުންނާނެ ކަމށެވެ.
"އެ ހޮސްޕިޓަލްގެ ހިދުމަތްތަކާއި، އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް، މެދުކެނޑުމެއްނެތި އިންޑިއާ ސަރުކާރުން ދެމުން އަންނަ އެހީތެރިކަމުގެ އަގު ވަޒަންކޮށް، އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވަން. ސިއްހީ ރޮނގުން އިތުރަށް އެއްބާރުލުން ދިނުމަށް މިއަދު ސޮއިކުރި އެމްއޯޔޫ އަކީ ރާއްޖޭގެ ސިއްހީ ހިދުމަތްތަކާއި ވަސީލަތްތައް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރުން ވެދެމުން އަންނަ އެހީތެރިކަމަށް ލިބުނު އިތުރު ކުރިއެރުމެއް،" ރައީސް ވިދާޅުވިއެވެ.