ބައިނަލްއަގްވާމީ އިގްތިސާދީ ނިންމުންތަކުގައި، ކުރިއަރަމުން އަންނަ ގައުމުތަކުގެ ހިޔާލާއި މަޝްވަރާ އާއި ބައިވެރިވުން މިހާރަށްވުރެ ބޮޑަށް ބަލައިގަނެ އިތުރުކުރުމަށްޓަކައި، އދ.ގެ ސަލާމަތީ މަޖިލިސް ފަދަ އދ.ގެ މައިގަނޑު ގުނަންތައް އިސްލާހް ކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށް އިންޑީޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު އެއްބަސް ވެފައިވާ ކަމަށް ރައިސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ދެ ގައުމުގެ ދެމެދުގައި ބޭއްވި މަޝްވަރާތަކަށްފަހު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައިވާ ގުޅުމުގެ އިތުރުން، ދެ ގައުމުގެ މަސްލަހަތާ ގުޅިފައިވާ ބައިނަލްއަގަވާމީ މައްސަލަތަކާ ގުޅޭގޮތުންވެސް ބޮޑުވަޒީރާއެކު މަޝްވަރާ ކުރެއްވި ކަމަށެވެ.
ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކަށް އަވަސް ހައްލެއް ހޯދުމަށް ބައިނަލްއަގްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތައް، މިހާރަށްވުރެ ވަރުގަދަކުރުމަށްޓަކައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމަށްވެސް ދެ ބޭފުޅުން އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ.
"މޫސުމަށް އަންނަ ބަދަލުތަކަކީ، އަޅުގަނޑުމެން ވަގުތުން ސަމާލުކަން ދޭންޖެހިފައިވާ، ވަރަށް ބޮޑު ނުރައްކަލެއް ކަމަށް، ބޮޑުވަޒީރުވެސް އެއްބަސްވެވަޑައިގެންނެވިކަމީ، އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް. މޫސުމަށް އަންނަ ބަދަލުތަކަށް އަވަސް ހައްލެއް ހޯދުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތައް، މިހާރަށްވުރެ ވަރުގަދަކުރުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށްވެސް އަޅުގަނޑުމެން އެއްބަސްވިން،" ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން، [ފްރޭމްވަރކް އެގްރީމަންޓް ފޮރ އެސްޓަބްލިޝިންގް ދަ އިންޓަރނޭޝަނަލް ސޯލަރ އެލަޔަންސް] ރާއްޖެއިން ތަސްދީގު ކޮށްފައިވާކަން، އަޅުގަނޑު ބޮޑުވަޒީރަށް ދެންނެވި ކަމަށާއި، ޓެރަރިޒަމްގެ ހުރިހާ ޢަމަލުތަކެއް، ދިވެހި ސަރުކާރުން ހަރުކަށި ބަހުން ކުށްވެރިކުރާކަމާއި، ޓެރަރިޒަމާއި ހަރުކަށި ފިކުރާ ދެކޮޅަށް މި ސަރަޙައްދުގަޔާއި، މި ސަރަޙައްދުން ބޭރުގައިވާ ގަދައަޅައި މަސައްކަތް ކުރުމަށް މި ސަރުކާރު ތައްޔާރަށް އޮތްކަމަށް ބޮޑުވަޒީރަށް ދެންނެވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.