އިންޑިޔާއިން އަމިއްލަ އެދުމަށް ދިވެހިންގެ އެއްވެސް ހައްގަކަށް އުނިވާފަދަ ކަމެއް ކޮށްފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ތަގުރީރުކުރައްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ އިންޑިޔާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ލީޑަރޝިޕްގެ ދަަށުން ކުރިއަށް އޮތް އަހަރުތަކުގައި އިންޑިޔާއާއި ދިވެހިރާއްޖެއާއި އޮތް ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމުގެ ޔަގީންކަން އޮތްކަމަށެވެ. އަދި ދުވަހަކުވެސް އިންޑިޔާއިން އަމިއްލަ އެދުމަށް ދިވެހިންގެ އެއްވެސް ހައްގަކަށް އުނިވާފަދަ ކަމެއް ކޮށްފައި ނުވާކަމަށާއި، ރާއްޖެއަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް އިންޑިޔާއިން ރާއްޖެއަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ކަމަށެވެ. އެކަމަށް އިންޑިޔާގެ ރައްޔިތުންނަށާއި، އިންޑިޔާ ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އިންޑިޔާއަކީ ރާއްޖޭގެ އެންމެ ދުވަސްވީ ރީޖަނަލް ޕާޓުނަރުކަމަށާއި އިންޑިޔާއާއި ރާއްޖޭގެ ގުޅުމަކީ ޒަމާންވީ ތާރީޚީ ގުޅުމެއްކަމަށެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވައި ނިމުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވަނީ، އެމަނިކުފާނަށް ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ގާނޫނު އަސާސީގެ ކޮޕީއެއް އަރުވާފައެވެ.