މި އަހަރުގެ މާޗު މަހު ރާއްޖެ އާއި އިންޑިއާއިން ސޮއިކޮށްފައިވާ، 800 މިލިއަން އެމެރިކާ ޑޮލަރުގެ [ލައިން އޮފް ކްރެޑިޓް] އެއްބަސްވުން ތަންފީޒު ކުރުމުގައި މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކާ ގުޅޭގޮތުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްހާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވަމުންގެންދަވާ ދަތުރު ފުޅުގައި، ދެ ގައުމުގެ ދެމެދުގައި ކުރިއަށް ގެންދިއަ މަޝްވަރާތަކާބެހޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގުމަށް ކަނޑައެޅިފައިވާ ތަރައްގީގެ މަޝްރޫއުތައް، ދާދި އަވަހަށް ފަށައި، ކުރިއަށް ގެންދިޔުމަށް ދެ ޤައުމުންވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މި މަޝްރޫއުތަކުގެ ތެރޭގައި ސާފު ބޯފެނާއި، ނަރުދަމާ ނިޒާމު ގާއިމުކުރުމާއި، އުމްރާނީ ތަރައްގީ އާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަރައްގީ ކުރުމަށް އިންޑިއާއިން އެހީތެރިވެދިނުން ހިމެނޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ބަނދަރު ހެދުމާއި، ސިއްހަތާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ފަތުރުވެރިކަމުގެ އިތުރުން ހަކަތައިގެ ދާއިރާއިން މިހާރު މަސައްކަތް ފަށާފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން މި ބައްދަލު ވުމުގައި މަޝްވަރާ ކުރެއްވިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އިޖްތިމާއީ ތަރައްގީގެ މަޝްރޫއުތަކަށާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އާލާކުރުމަށާއި، ތައުލީމާއި ސިއްހީ ހިދުމަތް ތަރައްގީ ކުރުމަށާއި، ގާނޫނުގެ ނިޒާމު ނެގެހެއްޓުމަށާއި، ތިމާވެށި ރައްކާތެރި ކުރުމަށް، މިދިޔަ މާރިޗު މަހު، ކުރީގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވަން ނިންމާފައިވާ ކަމަށް އިއުލާނު ކުރެވުނު ހިލޭ އެހީ ބޭނުންކުރުމާ ގުޅޭގޮތުންވެސް އަޅުގަނޑުމެން މަޝްވަރާ ކުރިން،" ރައީސް ވިދާޅުވިއެވެ.