ކުރިއަށް އޮތްތާގައިވެސް ރާއްޖެއަށް ދިމާވާ ކޮންމެ ހާދިސާއެއްގައި އިންޑިއާގެ އެހީތެރިކަން އަބަދުވެސް ރާއްޖެއަށް ލިބޭނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް މޯދީ މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަމުން މޯދީ ވިދާޅުވީ 1988ގެ އުދުވާނީ ހަމަލާ އާއި ސުނާމީ ކާރިސާފަދަ ހިތާމަވެރި ހާދިސާތައް ރާއްޖެއަށް ދިމާވި ހިނދު އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެއްވިކަމަށެވެ. އަދި އޭރު ރާއްޖެއަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެއްވި ފަދައިން ކުރިއަށް އޮތްތާގައިވެސް އިންޑިއާގެ އެހީތެރިކަން އަބަދުވެސް ރާއްޖެއަށް ލިބޭނެކަމަށް މޯދީ ވިދާޅުވިއެވެ.
މޯދީ ވިދާޅުވީ ދެގައުމުގެ ގުޅުމަކީ 2.500 އަހަރަށްވުރެ ދުވަސްވީ އެކުވެރިކަމުގެ ގުޅުމެއްކަމަށެވެ. އަދި މި ގުޅުން ދެގައުމުގެ ތާރީހާއި، ސަގާފަތާއި ބަހުރުވައިން އެނގޭކަމަށް މޯދީ ވިދާޅުވިއެވެ. އަދި ރާއްޖެއަށް ދިމާވާ ކޮންމެ އުފާވެރިކަމަކާއި ހިތާމަވެރިކަމަކާއެކު އިންޑިއާއިން ސާބިތުކަމާއެކު ރާއްޖެއާއެކު ވުމުގެ ނަތީޖާއަކީ ދެގައުމުގެ ގުޅުން ވަރުގަދަވެ، ދެގައުމު އެކީ ތަރައްގީއާއި ކުރިމަތިލާ، މުޅިން އައު ފުރުސަތުތައް ތަނަވަސްވުން ކަމަށް މޯދީ ވިދާޅުވިއެވެ.
މިއަދު މެންދުރު ފަހު މޯދީ ރާއްޖެ ވަޑައިގެންނެވި އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ދިވެހި ދައުލަތުން ބޭރުގެ އިއްޒަތްތެރިންނަށް އަރުވާ އެންމެމަތީ ޝަރަފް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް މޯދީއަށް އަރުވާފައެވެ.