ފެށުނީއްސުރެވެސް މި ސަރުކާރުގެ އަމާޒަކީ، އެންމެހައި ރައްޔިތުން ޝާމިލްވާ އަދުލުވެރި ސަރުކާރެއްގެ ޒަރީއާއިން، ރައްޔިތުންގެ ކުރިއެރުމަށް އިސްކަންދޭ ތަރައްގީއެއް ގެނެސްދިނުންކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެކު ދެގައުމުގެ ދެމެދުގައި މަޝްވަރާތައް ކުރިއަށް ގެންދެވުމަށްފަހު، ރަސްމީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން، ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަވަނީ ދެގައުމުގެ ދެމެދުގައިވާ ގުޅުން އަލުން އިއާދަކޮށް ބަދަހިކުރުމާއެކު، އަވައްޓެރި އެހެން ގައުމުތަކާއެކު ވެސް އިތުރަށް ގުޅުން ބަދަހިކުރުމަށްކަމަށެވެ
އެގޮތުން އިންޑިއާ ކަނޑުގެ ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ކަށަވަރުކުރުމަކީ މި ސަރުކާރުން އަބަދުވެސް ހާއްސަ އިސްކަމެއްދޭ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހި ސަރުކާރުގެ ތަސައްވުރު ގަގީގަތަކަށް ހެދުމުގައި އިންޑިއާއިން ވެދޭ އެހީތެރިކަމުގެ އަގު އަބަދުވެސް ވަޒަންކުރައްވާނެ ކަމަށެވެ. އަދި އިންޑިއާއިން ވެދޭ ދީލަތި އެހީތެރިކަމަށްޓަކައި އިންޑިޔާގެ ބޮޑުވަޒީރަށް ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.