ސަރަހައްދުގެ ސަލާމަތައްްތަކައި އިންޑިއާ ކަނޑުގެ ގައުމުތަކުގެ މެދުގައި ހަމަޖެހުން އޮތުން މުހިންމުކަމަށް ރައީސުލް ޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ރާއްޖެއަށް ކުރެއްވި ދަތުރު ފުޅުގައި ރާއްޖެ އާއި އިންޑިއާ އާދެމެދު ބޭއްވި މަޝްވަރާ ކުރެއްވުމަށްފަހު، ރަސްމީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ރާއްޖެ އަބަދުވެސް ދެމި އޮންނާނީ އިންޑިއާގެ ތެދުވެރި އެކުވެރިއެއްގެ ގޮތުގައިކަމަށެވެ. އަދި މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ރާއްޖެއިން ސަރަހައްދުގެ އެެހެން ގައުމުތަކާ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް ބައްލަވާލައްވައި ރައީސް ވިދާޅުވީ، ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް އިސްކަން ދެއްވާނެ ކަމަށާއި، ދެގައުމުގެ ގުޅުން މިހާރަށްވުރެ ބަދަހި ކުރުމަކީ ދެގައުމަށްވެސް ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، އިންޑިއާ އާދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އިންޑިއާއިން ދޭ އެހީތެރިކަން ފާހަގަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ބޮޑުވަޒީރު މޯދީއަށް ޝުކުރު އަދާކުރައްވައިފައެވެ.