ދުންޔާ މައުމޫން

ރައީސް ނަޝީދަށް އިންސާފު ލިބުން އެދެން، އެކަން ހިނގަން ޖޭހޭނީ ރާއްޖޭގެ ސިސްޓެމް ތެރެއިން: ދުންޔާ

1

ބޭރުގެ ޖަމިއްޔާ އަކުން ނުވަތަ ޖަމާއަތަކުން ނިންމިޔަސް ރައީސް ނަޝީދު މިނިވަން ނުކުރެވޭނެ ކަމަށާއި އެކަން ހިންގަން ޖެހޭނީ ދިވެހި ރާއްޖޭގައި އެކަމަށް އޮންނަ ސިސްޓެމް ތެރެއިން ކަމަށް ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އޮންލައިން ނޫސް އަވަސް އިން ކުރިޔަށް ގެންދިޔަ "އަވަސް ހުކުރު" ޕްރޮގްރާމް ގައި ވާހަކަދައްކަވަމުން ދާދި ދެންމެ ދުންޔާ ވިދާޅުވީ ރައީސް ނަޝީދަށް ފުރިހަމަ އިންސާފެއް ލިބިވަޑައިގަތުމަކީ އެކަމަނާ ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ.

"ރައީސް ނަޝީދަށް ވެސް އިންސާފު ލިބިވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެއް. އެހެން ނަމަވެސް ބޭރުގެ ޖަމާއަތަކުން ނިންމިއަސް ރައީސް ނަޝީދު މިނިވަނެއް ނުވާނެ. އެކަން ދާން ވާނީ ރާއްޖޭގެ ސިސްޓެމްގެ ތެރެއަށް ވަދެެގެން. އޭރުން މައްސަލަ ހައްލު ވާނީ." ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ އަލަށް އިންތިޚާބުވެ ވަޑައިގަންނަވާ އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ޖުޑިޝަރީ ހަރުދަނާ ވެގެން ދިއުމަކީ ރައްޔިތުން ވަރަށް ބޮޑަށް ކުރައްވާ އުއްމީދެއް ކަމަށެވެ. އެ ގޮތުން ހުރިހާ މީހުންނަށް ވެސް ޖަސްޓިސް ލިބެން ޖެހޭ ކަމަށާއި ދިވެހި ރައްޔިތުންނަށް ރައްކާތެރިކަން އިހުސާސް ވާނީ އޭރުން ކަމަށް ދުންޔާ ވިދާޅުވި އެވެ.

"ވަރަށް ފަހަކާ ޖެހެންދެން ވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން މި ތިބެނީ ބިރުން ދެއްތޯ؟ ކުށެއް އަދި ނުކުރިޔަސް ފްރޭމް ކުރުމުގެ ބިރުވެސް އޮތް. ދެން ދައުވާއެއް ކޮށްފަ ހުކުމެއް އިއްވައިގެން މިދާން ޖެހެނީ ޖަލަށް." ދުންޔާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ވެސް އިންސާފު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށް ދުންޔާ ވިދާޅުވި އިރު، އެމަނިކުފާނު މިނިވަން ކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ގަރާރެއް ވެސް ވައްދައިފަ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟