ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ޝަރަފަކީ ދެ ގައުމުގެ ގާތް ގުޅުން ރަމްޒުކޮށްދޭކަމެއް ކަމެއްކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
އިންޑިޔާގެ ބޮޑުވަޒީރު މިހެން ވިދާޅުވީ އެމަނިކުފާނު ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ޝަރަފުދެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޯދީ ވިދާޅުވީ ދިވެހިރާއްޖެއިން ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ޝަރަފު އެމަނިކުފާނަށް ދެއްވުމަކީ ހަމައެކަނި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއްނޫންކަމަށާ، އެއީ މުޅި އިންޑިޔާގެ އެންމެހައި ރައްޔިތުންވެސް ފަހްރުވެރިވާނެ ޝަރަފެއްކަމަށެވެ.
މޯދީ އިތުރަށް ވިދާޅުވީ އިންޑިއާއާއި ދިވެހިރާއްޖޭއާ ދެމެދު އޮތް ގާތް ގުޅުމަކީ އެކިއެކި ކަންތައްތަކުގައި އެއްގައުމުން އަނެއް ގައުމަށް އެހީތެރިވުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއް ކަމަށެވެ. އަދި
އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އޭގެ ފައިދާކުރާނެ އެހީތަކެއް ކަމަށް މޯދީ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މި އިއްޒަތް އެރުއްވީ، ދިވެހިރާއްޖެއާއި އިންޑިއާއާ ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ އެކުވެރިކަމުގެ ގާތް ގުޅުން އިތުރަށް ބަދަހިކުރައްވައި، ދިވެހި ގައުމުގެ ކުރިއެރުމަށާއި، ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވާ ހާއްސަ އަހަންމިއްޔަތާއި، އެކި ރޮނގުރޮނގުން ދިވެހިރާއްޖެއަށާއި، ރާއްޖޭގެ ރައްޔިތުންނަށް ވެދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމުގެ އަގު ވަޒަންކުރެއްވުމަށްޓަކައެވެ.
ދޮންބަންޑާރައިންނަށް ނިސްބަތްވެވަޑައިގަންނަވާ، ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، މީގެކުރިން ބޭރުގެ ބައެއް އިއްޒަތްތެރިންނަށް ވަނީ އަރުއްވައިފައެވެ.
އެގޮތުން، 15 މާރިޗު 1972 ގައި ޑިއުކް އޮފް އެޑިންބަރާ އަށާއި، އަރލް މައުންޓްބެޓަން އަށް، 30 އޮކްޓޫބަރު 1984 ގައި ދެކުނު ކޮރެޔާގެ އޭރުގެ ރައީސް ޗުންޑޫ ހުވާންއަށާއި 16 ނޮވެންބަރު 1989 ގައި ކޮމަންވެލްތްގެ އޭރުގެ ސެކްރެޓަރީ ޖެނެރެލް ސަރ ޝްރީދަތު ރާމްފާލް އަށް އަރުވާފައިވެއެވެ.
މީގެއިތުރުން 2 ޑިސެންބަރު 2009 ގައި ސަޢޫދީ ޢަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ތަލާލް ބިން އަބްދުލްއަޒީޒް އާލްސައޫދަށް، އަދި 4 ޖޫން 2013 ގައި ފަލަސްތީނުގެ ރައީސް ޑޮކްޓަރ މަހްމޫދު އައްބާސްއަށް މި އިއްޒަތް އަރުވާފައިވެއެވެ.